އއ. އަތޮޅު އައު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ދަނީ ކުރިއަށްކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ.

މެމްބަރު ވަނީ އއ. އަތޮޅު ހޮސްޕިޓަލަކީ ކުވައިތު ފަންޑުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލް އެޅުމަށް ކޮންޓްރެކްޓަރާ ހަވާލުކުރެވޭނީ ކިހާ ހިސާބަކުތޯއާއި އެ ހޮސްޕިޓަލް އަޅާ ނިންމާނެ ފައިސާ ހުރީ ހަމަޖެހިފައިތޯ އޮޅުންފިލުވާފައެވެ.

އަދި ހޮސްޕިޓަލް ނިމޭއިރު ލިބެން ހުންނާނީ ކޮންކަހަލަ ޚިދުމަތްތަކެއްތޯވެސް މެމްބަރު ވަނީ ލިޔުމުން ޖަވާބު ހޯދުމަށް މިނިސްޓަރަށް ފޮނުވި ލިޔުމުގައި އައްސަވާފައެވެ.

މި ސުވާލުތަކަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތަކީ ކުވައިތު ފަންޑުން ލޯނު ނަގައިގެން ކުރިއަށްގެންދިޔުމަށް ބަޖެޓުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި މި މަޝްރޫޢު މިހާރު ވަނީ ޓެންޑަރ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށެވެ.

އަދި މި ހޮސްޕިޓަލް އަޅާ ނިންމާނެ ފައިސާ ހަމަޖެއްސުމަށް ޕްލޭންކޮށްފައިވަނީ ކުވައިތު ފަންޑު މެދުވެރިކޮށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ފަންޑާއެކު މިހާރު ކުރަމުންދާ މަޝްވަރާ ނިމި ލޯނު ހަމަޖެހުމުން އެ މަޝްރޫޢު ޓެންޑާ ކުރުމަށް ފަހު ޓެންޑަރ ކާމިޔާބުކުރާ ފަރާތާ މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.

މި ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެއްކަމަށްވާތީ އެ ދަރަޖައަށް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެ."
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު މިހެން ވިދާޅުވިއިރު ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް ބަޔަކާ ހަވާލުނުކުރެވި ލަސްވަނީ ކުވެއިތު ފަންޑުން "ނޯ އޮބްޖެކްޝަން" ނުލިބޭތީކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

7 ރަށެއްގައި ހޮސްޕިޓަލު އަޅަން ނިންމާފައިވާއިރު، ހޮސްޕިޓަލު އަޅަން ނިންމާފައިވަނީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައެވެ. ކޮންމެ ރަށެއްގައިވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

އެ ހޮސްޕިޓަލްތައް އަޅަން ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރު އޭޕްރީލްމަހު ކަމަށްވާއިރު، މިއީ ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭ.އީޑީ)ގެ އެހީގެ ދަށުން ހިންގާ ސްޓްރެންތެނިން އޮފް ހެލްތް ސެކްޓާ ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާ ހޮސްޕިޓަލް ތަކެކެވެ.

މި ހަތް ހޮސްޕިޓަލާއެކު، އެކި މަރުހަލާތަކުގައި 22 ރަށެއްގައި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މީގެކުރިން ސަރުކާރުން ހާމަކޮށްފައިވެއެވެ.