އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރުން ފުރަތަމަ ދޭ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖު އާއި ޝިޕް ސަޕްލައިޒް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރާއި ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދެއްވުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން މިނިސްޓްރީން ގިނަ މަސައްކަތްތަކެއްކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރގެ ޖަވާބުގައިވެއެވެ.
މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ފިޔަވައްސައް ބޭނުންވާ ބިން އަވަސް މުއްދަތެއްގެ ތެރޭގައި ހިއްކާ ފުރަތަމަ ދޭ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖު، ޝިޕް ސަޕްލައިޒް ފަދަ ހިދުމަތްތައް ހިމެނޭނެ ކަމަށެވެ. މީގެއިތުރުން، އެ ސަރަހައްދުގެ އެހެން ރަށެއްގައި ޓްރާންސިޝަން އެރޭންޖުމަންޓެއްގެ ގޮތުގައި އިންވެސްޓްމަންޓްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުން އަވަހަށް ފެށުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރުގެ ހިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަން، ކަސްޓަމްސް އަދި އެހެނިހެން ރެގިއުލޭޓަރީ މުއައްސަސާތަކުގެ ހިދުމަތްތައް ގާއިމުވެފައިވާ އައިއެސްޕީއެސް މިންގަނޑުތަކަށް ފެތޭ ފެސިލިޓީއެއް އިހަވަންދިއްޕޮޅު އަތޮޅުގައި ގާއިމުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މި ފެސިލިޓީ ގާއިމްކުރާ ލޮކޭޝަނަކީ ބަނދަރުގެ ޖާގަ އާއި ބަނދަރަށް ވަދެ ނިކުތުމަށް ފަސޭހަކަމާއެކީ ބޭނުންކުރެވޭނެގޮތަށް ބޭނުންކުރެވޭނެ ތަނަކަށް ވާންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތްތައް ފެށުމަށްޓަކައި އެސްޓީއޯއިން ބައިނަލްއަގުވާމީ ތެޔޮ ކުންފުނިތަކާ މަޝްވަރާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.