މަރަކީ ކަނޑައެޅިފައިވާ ކަމެއް ކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.
"މަރާއި މަރުހިއްޕެވުން" މި މައުޟޫޢަށް އާދިއްތަ ދުވަހުގެރޭ އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ، ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެ ކަމަށެވެ.
އިންސާނުން ދުނިޔެއަށް އަންނަ ގޮތަށް ބައްލަވައި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ.
އަދި އިންސާނާ މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެ ކަމަށާއި އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއިފަސޭހަކަމާއެކުކަމަށް ވެސް ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
މި މައުޟޫޢަށް ވާހަކަ ދައްކަވަމުން މި ފޯރަމްގައި އައްޝައިޚް ފައްޔާޒް އަލީމަނިކު ވަނީ މަރަކީ އެކަމާމެދު ވިސްނިއަސް އަދި ނުވިސްނިއަސް އަޅުގަނޑުމެންނާ ކުރިމަތިވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އަދި މަރުވާނެކަމާމެދު އެއްވެސް ބަޔަކު ދެބަސް ނުވާކަމަށާއި ދެބަސްވަނީ މަރުވުމަށްފަހު ވާނީ ކިހިނެއްކަމާ މެދުގައި ކަމަށެވެ.
އެގޮތުން މަރުވާއިރު އިންސާނާއަށް ކަންކަން ކުރިމަތިވާގޮތާއި މަރުވުމަށްފަހު ދިމާވާ ކަންކަމަށް ވަރަށް ތަފްސީލުކޮށް ޤުރުއާނާއި ހަދީޘުން މިސާލު ނަންގަވައި މި ފޯރަމްގައި ކިޔައިދެއްވިއެވެ.