މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

މިއީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ނިޒާމުގެ ތެރެއިން ފަރުވާ ލިބެންޖެހޭ އެތައް ބަޔަކަށް ފަރުވާ ނުލިބި އެމީހުން މުޖުތަމައުން ބާކީވެ އެމީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ދިޔުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ފަރުވާ ދިނުމުގެ ސިޔާސަތަށާއި ނިޒާމަށް މިހިނދުން މިހިނދަށް ބަދަލުގެނެސް މި މައްސަލައަށް ހައްލު ގެނެވޭނޭ ނިޒާމެއް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރެކެވެ.

މެމްބަރުގެ ގަރާރުގައި ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، އެމީހުން އަނބުރާ މުޖްތަމައަށް ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ފާހަގަކުރި ޑްރަގަށް ދެވިހިފާފައިވާ މީހުންނަކީ މުޖްތަމައަށް ފައިދާހުރި ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ފަރުވާ ލަސްނުވެ ލިބޭނެ ގައުމީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށް ބުނިނަމަވެސް މިސަރުކާރުން މި ވައުދު ފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އަދި އޮނިގަނޑު ރާވާފައިވާ ގޮތުން، މެނިފެސްޓޯގެ އެ ލަނޑުދަނޑި ހާސިލުކުރެވޭން ނެތްކަން ފާހަގަކޮށްފައެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާ ނުލިބި، އެމީހުން މުޖްތަމައުން ބާކީވެ އަދި އެމީހުންގ އާއިލާތައް ނިކަމެތިވެގެންދާ ދިޔުމަށް އަވަސް ހައްލެއް ހޯދުމަށް އިންތިހާއަށް ބޭނުންވެފައިވީ ހިނދު، އަދި، އެފަދަ މީހުނަށް ފަރުވާދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަޞައްވުރާ އެއްގޮތަށް ފަރުވާ ދެވޭނޭ ޤާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތުގެ ތެރެއަކު ނެތް ކަމަށް މެމްބަރުގެ ގަރާރުގައި ވެއެވެ.

ދިގުމުއްދަތަކަށް ބައިތިއްބައިގެން ދޭންޖެހޭ ފަރުވާ ދިނުމަށް މިވަގުތު ރާއްޖޭގައި ހުރ ި2 މަރުކަޒުގައިވެސް، ފަރުވާދޭނޭ މީހުން ނެތުމުގެ ސަބަބުން އެތަންތަނުގެ ޖާގައިގެ 50 އިންސައްތަ ވެސް ފާއިތުވީ އަހަރު ބޭނުންކުރެވިފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން، އިތުބާރު ހިފޭނޭ ގޮތަކަށް ފަރުވާ ދެވޭނޭ ނިޒާމެއް، ސަރުކާރުން އަވަހަށް ގާއިމްކުރަންޖެހޭނެ ކަމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ސަރުކާރުގެ އިތުރުން، އަމިއްލަ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާން ޖެހެއެވެ. ވަކީން ޚާއްޞަކޮށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ފަރާތްތަކަށް ރާއްޖޭގައި ފަރުވާދިނުމުގެ ފުރުޞަތު ހުޅުވާލާން ޖެހެއެވެ. ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އެކުލަވާލާ ޑްރަގް ޓްރީޓްމަންޓް ޕްރޮގްރާމްތަކުގެ ގައިޑްލައިންތަކާ އެއްގޮތަށ ފަރުވާދޭ ފަރާތްތަކުން ފަރުވާދޭކަން ކަށަވަރުކުރާންޖެހޭ. އެ ގައިޑްލައިންގައި، އިސްލާމް ދީނުގެ ސައްޙަ އަގީދާ އާއި، އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތައުލީމާއި ތަމްރީނާއި ހުނަރު އަށަގެންނުވޭނޭ އުސޫލުތައް ހިމަނާންޖެހޭ. މި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނާނެޖެހޭ ބަދަލު ގެނައުން ވަނީ ލަސްވެފަ."
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ބޭނުންކުރާންޖެހޭ ބޭސް، ވަކި ޚާއްސަ އުސޫލުތަކެއްގެ ތެރެއިން، ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ލިބޭން ހުންނާނެ ޖެހޭކަން ފާހަގަކޮށް މެމްބަރުގެ ގަރާރުގައި ވަނީ އެ ބޭސް ދޫކުރާ ފާމަސީތަކުގައާއި ފާމަސިސްޓުންގެ ހުންނާންޖެހޭ ޝަރުޠުތަކާއި އެމީހުން ޢަމަލުކުރާންޖެހޭ އެސް.އޯ.ޕީތަކާއި މިންގަނޑުތައް ސަރުކާރުން ކަނޑައަޅާންޖެހޭ ކަމަށެވެ.

އެފަދަ މީސްމީހުނަށް ދެވޭ ފަރުވާއަކީ އަދި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް ނެރެވޭން އޮތީ، އެމީހުންގެ ތެރެއިން "ރިކަވަރިންގ އެޑިކްޓްސް"ގެ ގޮތުގައި ފާހަގަކުރެވޭ މީސްމީހުން އަނބުރާ މުޖްތަމައަށް ވެއްދުމަށް ހިންގާ ޚައްސަ " ކޮމިޔުނިޓީ ރީ-އިންޓަރގްރޭޝަން" ޕްރޮގްރާމްތައް އެކުލަވާލައި އެ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުވިގެންކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގގެ ޚިދުމަތް ދެވޭނޭ ގައުމީ އޮނިގަނޑެއް އެކުލަވާލައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ކައުންސެލިންގގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނާންޖެހޭ ކަމަށްވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ކައުންސިލަރުން ނެތް ރަށްރަށުގައިވެސް، އޮންލައިންކޮށް އެޚިދުމަތް ދެވޭނޭ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި މީގެ އިތުރުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ދެވޭ ކައުންސެލިންއަކީ، ޤައުމީ އިންޝުއަރަންސް ސްކީމް (އާސަންދަ)އިން ކަވަރުކުރާ ފަރުވާއަކަށް ވާން ޖެހެއެވެ. މިކަންކަން ބަދަލުވެގެން ނޫނ ީ އެކަށީގެންވާ ފަރުވާއެއް ލިއްބައިދެވޭނޭ ކަމަށް ޤަބޫލުނުކުރެވޭ ކަމަށްވެސް މެމްބަރުގެ ގަރާރުގައި ވެއެވެ.