އަހަރެމެން ގުނަމުން މިދަނީ ބަރަކާތްތެރިވެގެންވާ ރަމަޟާންމަހުގެ ދުވަސްތަކެވެ. ރަމަޟާންމަހަކީ، މާތްﷲ މަތިވެރި ކުރައްވާފައިވާ ވަރަށް މާތް ރޫޙާނީ، މައްސަރެކެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ މިމަހުގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން ބޮޑެވެ. އެހެންކަމުން އެހެން މަސްތަކުގައި އަޅުކަމަށް ނުދޭ އިސްކަމެއް އަދި އަހައްމިޔަތެއް މިމައްސަރުގައި އަޅުކަމަށް ދޭ މީހުން އަހަރެމެންގެ ތެރޭގައި ގިނައެވެ.
ރަމަޟާންމަހު މިސްކިތްތައް ފުރި މިސްކިތްތަކުގެ ބޭރުގައި ސަފުހަދަން ޖެހުމަކީ އޭގެ އެއްް ހެއްކެވެ. ނަމާދަކީ އިސްލާމްދީނުގައި ފަސްރުކުނުގެ ތެރެއިން ދެވަނަ ރުކުނެވެ. ނަމާދަކީ މުސްލިމުންގެ މައްޗަށް ރެޔަކާއި ދުވާލު ފަސް ފަހަރު ކުރުން ފަރުޟުކުރެވިގެންވާ، ވަރަށް މުހިންމު އަޅުކަމެކެވެ. މިއަޅުކަމަކީ އިންސާނާ ނަޖާވުމާއި އަދި ނަޖާނުވުން އެއަޅުކަމުގެ މައްޗަށް ބިނާވެފައިވާ އެއްއަޅުކަމެވެ. އެމީހެއްގެ ނަމާދަށް ފަރުވާތެރިވި މީހާ ޤިޔާމަތް ދުވަހުން ނަޖާވާހުއްޓެވެ. އަދި ނުވެއްޖެމީހާއަށް ހުރި ގެއްލުމާއި ހަލާކެވެ.
ރަމަޟާން މަސް ނޫނަސް ނަމާދަށް ފަރުވާތެރިވާންޖެހެއެވެ. ފިރިހެނުން މިސްކިތުގައި ނުވަތަ ޖަމާއަތުގައި ނަމާދުކުރުމަކީ މޮޅު އިތުރުވެގެންވާ ކަމެކެވެ. ނަމާދަށް ދިއުމުގައްޔާއި މިސްކިތަށް ވަދެ އުޅުމުގައިވެސް އަދަބުތަކެއް ވެއެވެ. ނަމާދަށް ދާމީހާ މަގުމަތީގެ އަދަބުތަކަށް ސަމާލުކަންދޭންޖެއެވެ. މިސްކިތުގައި ނަމަ މިސްކިތުގެ އަދަބުތަކަށެވެ.
ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ މާލޭގެ އަމީނީމަގުގައި ހުންނަ މަސްޖިދުލްސުލްޠާން މުޙައްމަދު އިބްނު ޢަބްދުالله ނުވަތަ ވިޔަފާރިވެރިންގެ މިސްކިތަށް ވަންނަ މައި ދޮރާށި ކުރިމައްޗަށް ވާގޮތަށް، ކައިރިކައިރީގައި އެއްކޮޅުން އަނެއްކޮޅަށް ސައިކަލު ޕާކުކޮށްފައިވާ މަންޒަރެވެ. ވަރަށް ނާތަހުޒީބު ޒިންމާދާރުކަންކުޑަ އަމަލެކެވެ. މިސްކިތަށް ވަންނަ މައި ދޮރާށި އެގޮތަށް ބްލޮކްކުރުމުން، އެކަމުގެ ތަކުލީފު ޖެހޭނީ ދެންތިބީންނަށެވެ. މިސްކިތަށް ދާނީ ހަމައެކަނި ގައިގައި ވަރުހުރި ޒުވާނުންނެއް ނޫނެވެ.
ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީއުމުގެ މީހުންވެސް މިސްކިތަށް ދާނެއެވެ. އެގޮތަށް ޕާކުކޮށްފައި ހުރުމުން ފުރޮޅުލީ ގޮނޑީގައި ދާ މީހާ މިސްކިތަށް ވަންނަނީ ކިހިނަކުން ހެއްޔެވެ؟
މިސްކިތު ދޮރުމަތީގައި ޕާކު ނުކުރިޔަސް ސައިކަލު ޕާކުކުރެވޭނެއެވެ. މިސްކިތަށް އަރާމީހުންގެ އުޅަނދުގައި ސްޓިކާ ނުޖަހަން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާލުވިޔަސް މިވަރު ކުރީމާ އަދަބެއް ދޭން ރަނގަޅެވެ. ނަމާދަށް މިސްކިތަށް އަރާ ވަގުތުވެސް އަދި އެހެން ވަގުތުތަކުގައިވެސް ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ، ގަވާއިދާ ޚިލާފުވާތީއެވެ. ޒިންމާދާރު މަގާމުތަކުގައި ތިބެ ގާނޫނު މުގުރުމަށް ހިތްވަރު ދިނުމަކީ ގޯހެކެވެ. ގާނޫނާއި ގަވާއިދު ހަދާފައި ހުންނަނީ މުޅި މުޖުތަމައުގެ ހެވާ ލާބަޔަށެވެ. މަސްލަހަތަށެވެ.
އަނެއްކޮޅުން ސަވާރީއެއްގައި މިސްކިތަށް ދިއުމަށްވުރެ ހިނގާފައި ދިޔުމުގެ ސަވާބާއި ދަރުމަ ބޮޑެވެ. މިކުޑަކުޑަ މާލޭގައި 28 ވަރަކަށް މިސްކިތް އެބަ ހުއްޓެވެ. އެމީހަކު ހުރި ދިމާލަކުން އާދައިގެ ހިނގުމެއްގައި ދާނަމަ ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓުން މިސްކިތަކަށް ލައްވާލާނެއެވެ. ޕާކިން ޖާގައިގެ ދަތިކަން ހުރިކަން އެނގޭއިރު ހިނގާލާފައި މިސްކިތަށް ދިއުމަކުން ގައިން ގުނަވަނެއް އުންޏެއް ނުވާނެއެވެ.
ނަމާދަށް ދިއުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ﷲ ތަޢާލާ ހެޔޮކަމެއް ލިޔުއްވަތެވެ، އަދި ދަރަޖައެއް މަތިވެރިކުރައްވަތެވެ، އަދި ފާފައެއް ފުއްސަވަތެވެ.
((إِذَا تَوَضَّأَ الرَّجُلُ فَأَحْسَنَ الْوضُوءَ، ثُمَّ أَتَى الْمَسْجِدَ لَا يُرِيدُ إِلَّا الصَّلَاةَ، لَمْ يَخْطُ خُطْوَةً إِلَّا رُفِعَ بِهَا دَرَجَةً، وَحُطَّ عَنْهُ بِهَا خَطِيئَةٌ)) [متفق عليه] މާނައި:” މީހަކު ވުޟޫކޮށް އެވުޟޫ ފުރިހަމަ ކޮށް، އެއަށްފަހު ހަމައެކަނި ނަމާދަށް އެދިގެންވާ ޙާލު މިސްކިތަށް އައިސްފިނަމަ (ފަހެ) އޭނާ އަޅާކޮންމެ ފިޔަވަޅަކަށް ދަރަޖައެއް އުފުއްލެވޭނެތެވެ. އަދި ފާފައެއް ފުއްސެވޭނެތެވެ."