އިދިކޮޅު މެމްބަރުން އަޑުގަދަކޮށް ހަޅޭލަވަން ފެށުމުން އިންޑިއާގެ ޕާލަމެންޓުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.
އިދިކޮޅު ޕާޓީތަކުގެ މެމްބަރުން އަޑުގަދަކޮށް މުޒާހަރާކުރީ، އިދިކޮޅު ލީޑަރު ރާހުލް ގާނދީ ގޮނޑި ގެއްލުވާލައި ޕާލަމެންޓް މެމްބަރުކަމުން ދުރުކުރި މައްސަލާގައި ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
ޕާލަމެންޓުގެ ރައީސް އޯމް ބީރްލާ ޖަލްސާ ފެށްޓެވުމާއެކު މެމްބަރުން ހަޅޭލައްވައި، ރައީސާ ދިމާއަށް ކަރުދާސްތައް އުކަންފެށިއެވެ.
އިދިކޮޅު މެމްބަރުން ތިބީ ކަޅުހެދުން ލައިގެންނެވެ. އަދި ބައެއް މެމްބަރުން ތިއްބެވީ "ޑިމޮކްރަސީ ނުރައްކަލުގައި" މިހެން ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
އިދިކޮޅު މެމްބަރުން އަޑުގަދަކޮށް ހަޅޭލަވަން ފެށުމުން ޖަލްސާ ފެށިތާ މިނެޓެއްވެސް ނުވަނީސް ޖެހުނީ ހުއްޓާލާށެވެ.
އޭގެ އެތައް ގަޑިއިރެއްފަހުން އަލުން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް، ދިހަ ވަރަކަށް މިނެޓްތެރޭ ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖެހުނީ ހުއްޓާލާށެވެ.
އިންޑިއާގެ އިދިކޮޅު އެންމެބޮޑު ޕާޓީގެ ލީޑަރު ރާހުލް ގާނދީގެ ޕާލަމެންޓް ގޮނޑި ގެއްލިއްޖެކަން ޕާލަމެންޓުން ކަނޑައަޅައި އެންގީ މިދިޔަ ހުކުރު ދުވަހު އާންމުކުރި ނޯޓިސްއެއްގައެވެ.
ޕާލަމެންޓް ނުވަތަ ލޮކް ސަބާގެ ގޮނޑި ގެއްލިއްޖެކަން އަންގާފައިވަނީ، އޭނާގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.
އުމުރުފުޅުން 52 އަހަރުގެ ރާހުލް ގާނދީގެ މައްޗަށް ސަރަހައްދީ ކޯޓަކުން ހުކުމްކުރީ، 2019 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގެ ކެމްޕެއިން އެއްވުމެއްގައި "ހުރިހާ ވަގުންގެ ނަމުގެ ފަހަތަށް މޯދީ އަންނަނީ ކީއްވެގެންތޯ" ސުވާލު ކުރެއްވުމުންނެވެ.
ރާހުލް ގާނދީގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ، އެއީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަބުރަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެއެވެ.
އެހެން ނަމަވެސް، ކޮންގްރެސް ޕާޓީއާއި، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، މިއީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަޑީގައި ހުންނަވައިގެން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށެވެ.
ކޯޓުން ހުކުމްތައްކޮށް ގޮނޑި ނުގެއްލި އެތައް މެމްބަރުން ތިއްބެވުމާއި، ބޮޑެތި ޖަރީމާތައް ހިންގާފައިވާ އެތައް މެމްބަރުން ބީޖޭޕީ މެމްބަރުންގެ ގޮތުގައި ޕާލަމެންޓަށް އިންތިޚާބުކޮށްފައިވުން މިސާލެއްގެގޮތުން އިދިކޮޅު ފަރާތްތަކުން ނަގައެވެ.
ކޮންގްރެސް ޕާޓީން ބުނެފައިވަނީ، ރާހުލް ގާނދީގެ ގޮނޑި ގެއްލުވާލި މައްސަލައާ ދެކޮޅަށް ސިޔާސީގޮތުންނާއި، ގާނޫނީގޮތުން ހުރިހާ މާނައެއްގައިވެސް ކުރިމަތިލާނޭ ކަމަށެވެ.
އިންޑިއާގައި، އިންތިޚާބުތަކުގައި ގައުމީ އެތައްސަތޭކަ ޕާޓީއާއި، އެތައްހާސް ސަރަހައްދީ ޕާޓީ ވާދަކުރާއިރު، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޅުގައި އެއްޗެއް ވިދާޅުވާ ހަމައެކަނި ލީޑަރަކީ ރާހުލް ގާނދީއެވެ. މޯދީއަށް ސީޔާސީގޮތުން ނުރައްކާއޮތް ހަމައެކަނި ބޭފުޅަކީވެސް އޭނާއެވެ.
އެހެންވެ، ސަރުކާރުން ހަދާފައިވާ ހަރުކަށި އަބުރުގެ ގާނޫނު ނިވާފައްގަނޑަކަށް ހަދައިގެން ރާހުލް ގާނދީއާއި އަދި ސަރުކާރާ އިދިކޮޅަށް ބަސްބުނާ އެތައް ބަޔަކާ ދެކޮޅަށް މިހާރުވެސް އެތައް ދައުވާއެއް އުފުލާފައި ވެއެވެ.