ދައްކަން މިއުޅެނީ ނަމާދަށް ރައްކާތެރިނުވުމުގައި ހުރި ނުބައިކަމުގެ ވާހަކައެވެ. ހަނދާނަށް އަންނަނީ މަޟްހޫރު ދީނީ ޢިލްމުވެރިޔާ އައް ޝައިޚް އާދަމް ޝަމީމް ދެއްވި ދަރުހެއްގައި ވިދާޅުވި ބަސްފުޅެކެވެ. ޝައިޚް ވިދާޅުވީ، "ﷲއަށް ސަޖިދަނުކުރާ މީހާ އިބިލީހަށް ވުރެ ނުބައި" ކަމަށެވެ.
އެވާހަކަ އިތުރަށް ތަފުސީލުކޮށްދެއްވަމުން، ޝައިޚް އާދަމް ޝަމީމް ވިދާޅުވީ، އިބިލީހަށް މާތް ﷲ ލަޢުނަތްލައްވައި ފައްސާލެއްވީ، އެކަލާންގެ އަޅަކަށް (އެބަހީ، އާދަމް ޢަލައިހިއްސަލާމްއަށް) ސަޖިދަކުރަން އެންގެވުމުން، އެކަމަށް އިންކާރުކޮށް ބޮޑާވެގަތީމައި ކަމަށެވެ. އެހެންކަމުން، މާތް ﷲއަށް ސަޖިދަނުކުރާ މީހާއަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑުކަން މާ ބޮޑުވެގެންވާނެ ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.
ﷲގެ ކޯފާ އަމާޒުވެ ލަޢުނަތްލެއްވުމުން އިބިލީސް އަވަސްވެގަތީ ﷲގެ ނިންމެވުން ރަނގަޅުނޫންކަން ﷲއަށް ދައްކާށެވެ. މާނައަކީ އިންސާނާއަކީ އަގެއްނެތް ބޭކާރު މަޚުލޫގެއްކަމުގައި ﷲއަށް ސާބިތުކޮށްދިނުމެވެ. މިކަންކުރުމަށްޓަކައި އިބިލީސް ﷲގެ ޙަޟުރަތުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ގިޔާމަތާޖެހެންދެން އޭނާ ދުނިޔޭގައި ލެއްވުމަށެވެ. އޭނާގެ އެދުމަށް ﷲ އިޖާބަދެއްވުމުން އިބިލީސް ﷲ އަށް ގޮންޖަހައި ވައުދުވީ ހުރިހާ އިންސާނުން މަގުފުރައްދަން މަސައްކަތް ކުރާނެކަމަށެވެ. އެކަން އޭނާ ވަރަށް ރަނގަޅަށް އެބަ ކުރެއެވެ.
އެކުވެރިންނޭވެ. ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެޔާއި ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ.
އެކުވެރިންނޭވެ. އިންސާނާ މަޣުފުރައްދަމުންދާ ޝައިޠާނާގެ އެންމެ ބޮޑު އެއް އަމާޒަކަށްވާނީ ހަމަ ޔަގީންނުންވެސް އަޅާ ނަމާދާ ދުރުކުރުމެވެ. އެކަމަކު، އިމާންކަން ހަރުދަނާ މުސްލިމުން، އޭނާއަށް ނުހެއްލޭނެއެވެ. އެއަށްވުރެ ފުރިހަމަ މުއުމިނުންގެ ސާބިތުކަން ބޮޑުވެފައި އަޒުމު ވަރުގަދަވާނެއެވެ.
الصلاة ނުވަތަ ނަމާދުގެ ޝަރުޢީ މާނައަކީ، ކަނޑައެޅި އެނގިގެންވާ ޒިކުރުތަކަކާއި ހަރަކާތްތަކެއްގެ މައްޗަށް އެކުލެވޭ، ތަކުބީރަކުންފެށޭ އަދި ސަލާމްދިނުމުން ނިމޭ ﷲ ތަޢާލާއަށް ވެވޭ އަޅުކަމެކެވެ. ނަމާދަކީ ހުރިހާ އުއްމަތަކަށްވެސް ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ނަމާދުގެ އަހަންމިއްޔަތުކަން ބޮޑުވުމުގެ ސަބަބުންނާއި، އަދި އެއީ މަތިވެރި ގުޅުމަކުން އަޅާއާއި އޭނާގެ ވެރި ރައްބާ ގުޅުވާދޭ އަޅުކަމަކަށް ވާތީއެވެ.
މި އުއްމަތަށް ﷲ ތަޢާލާ ފަސް ނަމާދު ފަރުޟުކުރެއްވީ، މި އުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖައް އުފުއްލެވި ރޭގައި ﷲތަޢާލާ އާއި އެކަލޭގެފާނާ ދެމެދު އެއްވެސް މެދުވެރި އެއްނެތި ސީދާ ބަސްފުޅު ވަޙީކުރައްވައިގެންނެވެ. އެންމެ ފުރަތަމަ ފަންސާސް ނަމާދު ފަރުޟް ކުރައްވައިފައި ވުމުން އެނަމާދަށް އެއިލާހުގެ ހަޟްރަތުގައި ދެވިފައިވާ ލޯބި ހާމަވެގެންދެއެވެ. ނަމަވެސް ކުރަންޖެހޭ މިންވަރުގެ ގޮތުން ފަސް ނަމާދަށް ލުއިކުރައްވައި، މީޒާނުގައި ފަންސާސް ނަމާދުކަމުގައި ލެއްވިއެވެ.
ފަސް ނަމާދު ކުރިމީހާ ފަންސާސް ނަމާދު ކުރި މީހާ ފަދައެވެ. ކޮންމެ ނަމާދެއްގެ ޘަވާބު ދިހަގުނައަށް އިތުރުވެގެން ދިޔުމެއްނޫނެވެ. ނަމަވެސް ފަސް ނަމާދު ކުރި މީހާ ފަންސާސް ނަމާދު ޢަމަލުން ކުރި ފަދައެވެ. ކޮންމެ ދުވަހެއްގައި ތަކުރާރުކޮށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުކަމެއް ނަމާދު ފިޔަވައި ފަރުޟް ކުރައްވާފައި ވާތީއެއް ނުފެނެއެވެ.