ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދާއިރާތަކުގެ ރައީސުން ހޮވުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހޯމަދުވަހުގެ ރޭ ބާއްވައިފިއެވެ.
ޖޭޕީން މިހާރުވަނީ 87 އިދާރީ ދާއިރާއެއްގެ ރައީސުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް ހުޅުވާލައިފައެވެ.
އަލަށް އެކުލަވާލި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދެވެ. އަދި ކޮމިޓީގެ ޑެޕިއުޓީ ޗެއާއަކަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހެވެ.
މިކޮމިޓީގައި އިތުރު 10 ބޭފުޅުން ހިމެނިވަޑައިގަންނަވަޢެވެ. އެއީ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ޙުސައިން މަނިކު، ލީޑަރުގެ އެޑްވައިޒަރު އަބްދުالله އަހުމަދު، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުالله ނަވާޒް، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙުމަދު، ލީޑަރުގެ އެޑްވައިޒަރު އިގްބާލް އާދަމް، ލީޑަރުގެ އެޑްވައިޒަރު ހަސަން މުޣުނީ، ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އަދި ސުލޫކީ ކޮމެޓީގެ ޗެއާ ޙުސައިން ޝަހުދީގެ އިތުރުން ޖޭޕީ ޒުވާނުންގެ ލީގުގެ ރައީސް ޢަބްދުالله ޔާމީން ރަޝީދެވެ.
ޖޭޕީން ދާއިރާތަކުގެ ރައީސުން ހޮވުމަށް ކޮމިޓީއެއް އެކުލަވާލާފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ވާދަކުރައްވާނެކަން އިއުލާންކޮށް، ކެމްޕެއިންގެ ކަންކަން ބޭފުޅަކާ ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން، ޖޭޕީން އަންނަނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައްވެސް ހިންގަމުންނެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރަން ނިންމާފައިވާއިރު، އިންތިޚާބުގެ ކެމްޕެއިން ޕްލޭންކުރުން ނުވަތަ ރޭވުން ހަވާލުކޮށްފައިވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެޕާޓީގެ ކައުންސިލަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޕްލޭނިންގެ ކަންކަން ޑެޕިއުޓީ ލީޑަރު އަމީން އެމަނިކުފާނު ހަވާލުކުރައްވާފައިވާ ކަމަށެވެ. ގާސިމް އިބްރާހިމް ވަނީ އެމަސައްކަތް އަމީންއާ ހަވާލުކުރައްވާފައިވާތީ، އެކަމުގައި އަމީންއަށް އެއްބާރުލުން ދެއްވުމަށް، ޖޭޕީގެ އިދާރާއަށާއި ކައުންސިލް އަދި ލީޑަރޝިޕުގެ ކިބައިން އެދިވަޑައިގެންފައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރެވޭނީ އެހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. މި ކެމްޕެއިންގައި އެބޭފުޅުންގެ މުހިއްމު ދައުރެއް އޮންނާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، މި އިންތިޚާބުގައި ޖޭޕީން ވާދަކުރަން ނިންމުމާއެކު މުޅި ސިޔާސީ މަސްރަހަށް މިވަނީ ކުއްލި ލޮޅުމެއް އައިސްފައެވެ. ޖޭޕީގެ މި ނިންމުމާއެކު، ޖޭޕީއާ ގުޅިގެން، ކުރިއަށް އޮތް ފަސް އަހަރު ޖޭޕީގެ ވެރިކަމެއް ގާއިމްކުރުމަށް ސިޔާސީ މަސްރަހުގެ ފުންނާބު އުސް ގިނަ ފަރާތްތަކަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.