ސްކޮޓްލެންޑްގެ ފަރސްޓް މިނިސްޓަރަކަށް ހަމްޒާ ޔޫސުފް، ސްކޮޓްލެންޑްގެ ޕާލަމެންޓުން އިންތިޚާބު ކޮށްފިއެވެ.

ސްކޮޓްލެންޑްގެ ފަރސްޓް މިނިސްޓަރުގެ މަގާމަށް ހަމްޒާ ޔޫސުފް މި އިންތިޚާބުކުރީ، އެ މަގާމުގައި ކުރިން ހުންނެވި ނިކޮލާ ސްޓަރޖަން މިދިޔަމަހު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އުމުރުފުޅުން 37 އަހަރުގެ ހަމްޒާ ޔޫސުފް ވެވަޑައިގަންނަވާނީ، ސްކޮޓްލެންޑް ސަރުކާރުގެ ވެރިޔަކަށް އިންތިޚާބު ކުރެވުނު އެންމެ ޒުވާން އަދި މުސްލިމް ފުރަތަމަ ލީޑަރަށެވެ.

ސްކޮޓްލެންޑް ވެގެންމިދިޔައީ، ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ވެރިކަމަށް މުސްލިމް ބޭފުޅަކު އިންތިޚާބުކުރި ފުރަތަމަ ގައުމަށެވެ.

ސްކޮޓްލެންޑްގެ ޕާލަމެންޓުން ހަމްޒާ ޔޫސުފް، ފަރސްޓް މިނިސްޓަރަކަށް އިންތިޚާބު ކުރުމުގެ ގަޑިއިރުތަކެއް ކުރިން، ވެރިކަންކުރާ ސްކޮޓިޝް ނޭޝަނަލް ޕާޓީންވަނީ، އެ ޕާޓީގެ އައު ލީޑަރަކަށް ހަމްޒާ ޔޫސޫފް އިންތިޚާބު ކޮށްފައެވެ.

ސްކޮޓްލެންޑް ޕާލަމެންޓްގައި އަޣުލަބިއްޔަތު އޮތް އެންމެބޮޑު ޕާޓީ، ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރުކަމަށް ހަމްޒާ ޔޫސުފާއެކު އިތުރު 2 ބޭފުޅުން ވާދަކުރެއްވިއެވެ.

އިނގިރޭސި ރަސްގެފާނު ޗާރލްސްގެ ރަސްމީ އެޕްރޫވަލްއާއެކު، ހަމްޒާ ޔޫސުފް، ފަރސްޓް މިނިސްޓަރުގެ މަގާމުގެ ހުވާ ކުރައްވާނީ މާދަމާއެވެ.

ހަމްޒާ ޔޫސުފަކީ، މިދިޔަމަހު އިސްތިއުފާ ދެއްވި ނިކޮލާ ސްތަރޖަންގެ ސަރުކާރުގެ އެންމެފަހު ކެބިނެޓުގެ ހެލްތު މިނިސްޓަރެވެ.

ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުކުރުމާއި، ޕާލަމެންޓުގެ ވޯޓުގެކުރިން ހަމްޒާ ވިދާޅުވެފައިވަނީ، އޭނާއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށެވެ.

އެހެންނަމަވެސް، ސްކޮޓްލެންޑްގެ ދުނިޔޭގެ ސްޓޭޖްގައި މަޑުވިޔަ ނުދެއްވާނެ ކަމަށް ވައުދުވެވަޑައި ގެންނެވިއެވެ.

ހަމްޒާ ޔޫސުފްގެ ބައްޕައަކީ ޕާކިސްތާނުން ސްކޮޓްލެންޑްގެ ގްލާޒްގޯއަށް ހިޖުރަކުރެއްވި ބޭފުޅެކެވެ. ހަމްޒާގެ މަންމައަކީ، ކެންޔާއަށް ހިޖުރިކުރި އޭޝިޔާ އާއިލާއެއްގެ ބޭފުޅެކެވެ. ހަމްޒާ އުފަންވެފައިވަނީ ގްލާޒްގޯއަށެވެ.