ސަރުކާރާއި ދެކޮޅު ފަރާތްތައް ސަރުކާރުގެ އެކި ސިޔާސީ މަގާމުތަކުން ވަކިކުރާ ކަމަށްބުނެ ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ވަކިކުރެއްވި ކަމަށް މީޑިއާތަކަށް ތިލަވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އަމްރު އެ މަގާމުން ވަކިވުރެއްވީ އޭނާއަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތަކަށްވުމުން ސިޔާސީ ނުފޫޒެއް އޮތުމުން ކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އޭރުވެސް އައީ ބުނަމުންނެވެ.
އެހެންނަމަވެސް އަމްރު ވަކިކުރަން ނިންމެވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުގެ ތެރެއިން ކަމަށް ސަރުކާރުން ބުނަމުން އަންނަ ބުނުން މިއަދާއި ހަމައަށްވެސް އަންނަނީ ތަކުރާރުކުރަމުންނެވެ.
ވަރަށް ފުރިހަމައަށް އެސްޓީއޯގެ ހިންގުން ކުރިއަށް ގެންދަވަނިކޮށް އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުގެ މަގާމުން އަމްރު ވަކިކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރުން ފެށިގެން އަމްރުއަކީ ރައީސް ނަޝީދު ފެކްޝަނުގެ ކަންތައްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.
އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރެއްވި މި ދަނޑިވަޅަކީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކަށް ރައީސް ނަޝީދުގެ ޓީމުން ތާއީދުކުރަން ނިންމައި، ގުޅިގެން މަސައްކަތްކޮށް، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަޝްވަރާތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އަމްރުއާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ހުސްވި ހަފްތާ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން މިއީ ސަރުކާރުގެ ސިޔާސީ ފިއްތުމެކޭވެސް ބުނެވެން އެބައޮތެވެ.
އަމްރު ވަކިކުރެއްވީ ރައީސް އަންގައިވައިގެން ކަމަށްވާތީ އެކަމަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އެސްއޯއީތަކުގެ ބޯޑަށް މީހުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސްއަށް އޮންނަ ބާރެއް ނޫންކަމަށެވެ.
އަދި ގާނޫނުން އެބާރު ލިބިދީފައިވަނީ ޕީސީބީއަސްކަމަށާއި އެސްއޯއީތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާހިލާފަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
މި ފަހުން ގއ. ކޮލަމާފުށި އިޖްތިމާއީ މަރުކަޒުގެ ޔޫތް އެސޯސިއޭޓްސްގެ މަގާމުގައި ހުރި ޞަފްޢަތުﷲ ޖަމީލްވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މިކަން އަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮދް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ފޮނުވި ސިޓީގައިވަނީ ގަނޫނު އަސާސީގެ 155ވަނަ މާއްދާގެ ޅ.އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އޭނާ އެމަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.
ޞަފްޢަތުﷲ ޖަމީލަކީ ރައީސް ނަޝިދަށް ތާއީދުކުރައްވައި އަދި ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވެސް ބައެއް ފަރާތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސިޔާސީ ވަޒީފާތަކުގައި ނުވަތަ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ އެވަޒީފާތަކުގެ ނިސްބަތުންވެސް ފަނަރަ ނުވަތަ ވިހި އިންސައްތަ މީސްކޮޅެއް ފިޔަވައި ރައީސް ސާލިހަށް ތެދުވެރި ސަޕޯޓެއް ކުރާނެ އެހެންމީހަކު ރަށުތެރެއިން ހަމަހިލާ އެމަނިކުފާނަށް ނުފެންނަ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތައް ދިރާސާކުރައްވާ ބައެއް ބޭފުޅުންގެ ނަޒަރުގައި މިއީ ސަރުކާރުގެ ތެރެއިން ސަރުކާރުގެ ނިންމުންތަކާއި ހިޔާލުތަފާތުވާ ބަޔަކު ތިބިކަމުގެ ނިޝާނެކެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެގެން ދަނީ ސިޔާސީ ނުފޫޒުން ކަމަށް މީގެ ކުރިން އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސްވަނީ ވިދާޅުވެފައެވެ. އަމީން މިފަދައިން ވިދާޅުވީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމުމުން ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަދި ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ)އާއި ޖެޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު ފުރަމުން ގެންދިޔަ އަހުމަދު ސަމީރު ޕާޓީން ވަކިވެފައިވުމުންނެވެ.
މި ދަނޑިވަޅަކީ ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ނިންމުމުން ރައީސް ސާލިހް ނިސްބަތްވާ އެމްޑީޕީ ފެކްޝަނުގެ ނުރުހުން ޖުމްހޫރީ ޕާޓީއަށް އަމާޒުވެ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން އިސްތިއުފާދޭން ގޮވާލަމުންގެންދާވެސް ދަނޑިވަޅެކެވެ.
އެހެންނަމަވެސް ކޯލިޝަންގެ އެއްބަސްވުން އޮތީ ދައުރު ނިމެންދެންކަމަށް ކޯލިޝަންގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.
ސުވާލަކީ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ސަރުކާރާއި ދެކޮޅު ފަރާތްތައް ސިޔާސީ މަގާމުތަކުން ވަކިކުރެއްވުން މިއީ ހަމަ އެންމެ އެކަށީގެންވާ ފިޔަވަޅުތޯއެވެ. ނުވަތަ ސަރުކާރު މަގާމުތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއި ގާސިމް އިބްރާހިމަށް ތާއީދުކުރައްވާ ބޭފުޅުންނާއި އެމްއާރްއެމްގެ ބޭފުޅުން ވަކިކުރައްވައި ހަމަ އެކަނި އަދާލަތު ޕާޓީ ގޮވައިގެން ރިޔާސީ ރޭހުގައި ކުރި ލިބިދާނެތޯވެސް މިއީ އުފެދޭ ސުވާލެކެވެ.