އިންޑިއާގައި ޑޮކްޓަރީ ބޭސް އުފައްދާ އެތައް ކުންފުންޏެއްގެ ލައިސަންސް، އިންޑިއާގެ ކަމާބެހޭ އިދާރާއިން ބާތިލްކޮށްފިއެވެ.
މިއީ، ޑޮކްޓަރީ ބޭހުގެ ނަމުގައި ފޭކް ބޭސް އުފައްދާ 76 ކުންފުންޏަކާ ދެކޮޅަށް މިމަހު އެޅި ފިޔަވަޅުތަކުގެ ބައެކެވެ.
އިންޑިއާއަކީ "ދުނިޔޭގެ ފާމަސީ" ގެގޮތުގައި މުޅި ދުނިޔޭގައިވެސް ބެލެވިފައި އޮންނަ ގައުމެވެ.
އިންޑިއާގެ ކުންފުނިތަކުން އުފައްދައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓްކުރި ޑޮކްޓަރީ ބޭހުގެ މިންވަރު، ވޭތުވެދިޔަ އަހަރުތަކުގައި ދެގުނައަށްވުރެ އިތުރުވެގެން ގޮސްފައި ވެއެވެ.
ޑޮކްޓަރީ ބޭސް އެކްސްޕޯޓްކޮށްގެން ވޭތުވެދިޔަ 2021 އަދި 2022 ވަނަ އަހަރު އިންޑިއާއަށް 24.5 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައި ވެއެވެ.
އިންޑިއާގެ ކުންފުނިތަކުން އުފައްދާ ޑޮކްޓަރީ ބޭހުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ޖެހެއެވެ. އޭގެ ސަބަބުން އިންޑިއާގެ ޑޮކްޓަރީ ބޭހާމެދު ދުނިޔޭގައި ދެކޭގޮތް ބަދަލުވެ، އަގުވެއްޓޭގޮތް ވެއެވެ.
އެންމެފަހުން ޖެހުނު މައްސަލައަކީ، އިންޑިއާގެ ކުންފުންޏަކުން އުފެއްދި ކޯފް ސިރަޕް ބޮއިގެން ގެމްބިއާއިން 70 ކުޑަކުދިން އަދި އުޒްބަކިސްތާނުން 19 ކުޑަކުދިން މަރުވި މައްސަލައެވެ.
މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓަރ ވިދާޅުވި ނަމަވެސް، އެކަމުގައި ހިމެނެނީ ކޮން ކުންފުނިތަކެއް ކަމެއް ހާމައެއް ނުކުރައްވަފައެވެ. އަދި އެއްވެސް ފިޔަވަޅެއް އެޅުއްވި ކަމެއްވެސް ފަހުން ހާމަކުރައްވާފައެއް ނުވެއެވެ.
އިންޑިއާގައި، ޑޮކްޓަރީ ބޭސް އުފައްދާ 10،500 އަށްވުރެ ގިނަ ކުންފުނި ހަރަކާތްތެރިވެއެވެ.
އިންޑިއާ ސަރުކާރުގެ އެތެރޭގެ އިތުބާރުހުރި މަސްދަރަކުން ބުނެފައިވަނީ، ފޭކް ބޭސް އުފައްދައިގެން ބައެއް ކުންފުނިތަކުގެ ލައިސަންސް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އަދި ބައެއް ކުންފުނިތަކުގެ ލައިސަންސް ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާއިރު، ބައެއް ކުންފުނިތަކަށް ކަންކަން އިސްލާހްކުރަން 15 ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށްވެސް ބުނެއެވެ.
ނަމަވެސް، ފިޔަވަޅު އެޅީ ކޮން ކުންފުނިތަކާ ދެކޮޅަށް ކަމެއް އިންޑިއާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާގެ ކުންފުނިތަކުން އުފެއްދި ކޯފް ސިރަޕް ބޮއިގެން ގެމްބިއާއާއި، އުޒްބަކިސްތާނުން ކުޑަކުދިންތަކެއް މަރުވި މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް އެ މައްސަލަ ތަހްގީގުކޮށް ކަންބޮޑުވުން ފާޅުކުރުން، އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ޑްރަގް ރެގިއުލޭޓަރީ ސިސްޓަމް އިތުރަށް ވަރުގަދަކުރަން 79.6 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށެވެ.