އިންޑިއާއިން ޝްރިމްޕް އެތެރެކުރުން ސައުދީ އަރަބިއްޔާއިން ވަގުތީގޮތުން މަނާކޮށްފިއެވެ.

ސައުދީ ފޫޑް އެންޑް ޑްރަގް އޮތޯރިޓީން މިފިޔަވަޅު އެޅީ، އިންޑިއާއިން އެތެރެކުރި ގަނޑުކުރި ޝްރިމްޕުން "ވައިޓް ސްޕޮޓް ސިންޑްރޯމް ވައިރަސް" ފެނުމާ ގުޅިގެންނެވެ.

ސައުދީ ފޫޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝްރިމްޕް ހިމެނޭގޮތުން ސައުދީ އަރަބިއްޔާއަށް ބޭރުން އެތެރެކުރާ ސީފުޑްގެ ސާމްޕަލްތައް ނަގަން އެދުނީ ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް އެންވައިރްމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރުން ކަމަށެވެ.

އެގޮތުން، ސާމްޕަލްތަކެއް ނަގައި ޓެސްޓްކުރި އިރު، އިންޑިއާއިން އެތެރެކުރި ގަނޑުކުރި ޝްރިމްޕުން "ވައިޓް ސްޕޮޓް ސިންޑްރޯމް ވައިރަސް" ފެނިފައިވާ ކަމަށާއި، އެހެންވެ، އިންޑިއާގެ ޝްރިމްޕް އެތެރެކުރިން ވަގުތުން މަނާކުރީ ކަމަށް، ސައުދީ ފޫޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައި ވެއެވެ.

ހަމަ އެއާއެކު، އިންޑިއާއިން ސައުދީ އަރަބިއްޔާއަށް އެތެރެކުރާ ޝްރިމްޕްގެ އުފެއްދުންތަކަކީ އެކަށީގެންވާ ރައްކާތެރި އުފެއްދުންތަކެއްކަމުގެ ކަށަވަރު ޔަގީންކަން އިންޑިއާ ސަރުކާރުން ލިބެންދެން، ޝްރިމްޕް އެތެރެކުރުން މަނާކޮށްފައިއޮތް އޮތުން ދަމަހައްޓާނެ ކަމަށް ބުނެފައި ވެއެވެ.

"ވައިޓް ސްޕޮޓް ސިންޑްރޯމް ވައިރަސް" އަކީ ޕީނީޑް ޝްރިމްޕް ނުވަތަ ޕީނީޑް ޕްރޯންސްއަށް ޖެހޭ، ނުރައްކާތެރި ވައިރަލް ބައްޔެކެވެ.

މިބަލި ޖެހުމުން ޝްރިމްޕް ވަރަށް އަވަހަށް މަރުވެއެވެ.

އެހެންނަމަވެސް، މި ބައްޔަކީ އިންސާނުންގެ ސިއްހަތަށް ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮތްކަމެއް ނޫންކަމަށް ވެއެވެ.