އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމަވާފައިވާތީކަމަށްބުނެ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެމުންދަނީ ނަމުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްކުރިޔަސް ޕާޓީއާއި ބެހޭ ބައެއް ނޫންކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައިވާތީ ޕާޓީގެ އިސް ބައެއް ބޭފުޅުން ޕާޓީ ދޫކޮށްލައިފިކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިލްހާމް ވިދާޅުވީ އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުންގެ ނަމަށް ޖުމްހޫރީ ޕާޓީ ކިއުއްވިޔަސް އެ ފަރާތްތަކަކީ ޕާޓީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައިވެސް އުޅުވާފައިވާ ފަރާތްތަކެއް ނޫންކަމަށެވެ. އަދި އެފަރާތްތަކުން އުންމީދުކޮށްގެން ތިބީ ވަކިކަމަކަށްކަމަށާއި އެމަގަށް ޕާޓީގެ ފިކުރު ގެންދެވޭތޯ ވަރަށް މަސައްކަތްކުރިކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
ޖުމްހުރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމުމުން މި ނިންމުމަށް ނުރުހިގެން މިހާތަނަށް އިސްތިއުފާދީފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކެވެ. ޖުމްހޫރީ ޕާޓީން އިސްތިއުފާ ދިނުމަށް އެފަރާތްތަކުން ދައްކާ ބަހަނާއަކީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަން ނިންމާފައިވުމެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން ކަށަވަރުވެފައިވާއިރު ކެމްޕެއިންގެ ކަންކަން ރާވައި ހިންގުމަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ވަނީ ހާވާލުކޮށްފައެވެ.