އިންޑިއާގައި ކޮވިޑްޖެހޭ މީހުންގެ އަދަދުތައް ކުއްލިއަކަށް މައްޗަށްދާން ފެށުމާ ގުޅިގެން، ވެރިރަށް ނިއުދިއްލީގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
އެގޮތުން، ކޮވިޑަށް ޓެސްޓްކުރުން ވަރުގަދަކުރުމުގެ އިތުރުން، މީހުން ގިނައިން އެއްވެއުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅޭން އާންމުންނަށް ހިތްވަރުދީ، އެކަމަށް ނިއުދިއްލީ ސަރުކާރުން ބާރުއަޅާން ފަށާފައި ވެއެވެ.
އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އޭގެކުރީ 24 ގަޑިއިރުގެ ތެރޭގައި 3،016 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ، ވޭތުވެދިޔަ ހަމަސްދުވަހުގެ އަދަދުތަކަށް ބަލާއިރު، އެއް ދުވަހެއްގައި މިހާ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ވެރިރަށް ނިއުދިއްލީންވެސް މިހާރު ދުވާލެއްގެ މައްޗަށް 300 މީހުން ޕޮޒިޓިވްވަމުންދާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ އޮގަސްޓްގެ ފަހުން އަދަދުތައް މިހާ މަތިވާންފެށި ފުރަތަމަ ފަހަރު ކަމަށް، ނިއުދިއްލީގެ ނޫސްތަކުން ބުނެއެވެ.
ނިއުދިއްލީ ސަރުކާރުގެ ހެލްތު މިނިސްޓަރ ސައުރަބް ބަރްދްވާޖް ވިދާޅުވީ، ޓެސްޓް ކުރެވޭ މިންވަރު މަދުވެފައިވާތީ، ބަލީގެ އެއްވެސް އަލާމާތެއް އުޅޭ މީހުން މާސްކް އަޅައިގެން އުޅެން މިހާރު އިރުޝާދު ނެރެފައިވާނެ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރާއިރުވެސް މާސްކް އަޅަންވަނީ އަންގާފައެވެ.
އަދި ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ވަރުގަދަކުރަން މަސައްކަތް ފަށާފައި ވެއެވެ.
ކޮވިޑްބަލި ދުނިޔެއިން ފެނުނުފަހުން، އެބަލި ޖެހުނު ކަމަށް އިންޑިއާއިން ރެކޯޑްކުރި މީހުންގެ އަދަދު 44 މިލިއަނުން މައްޗަށް އަރައެވެ. އެމެރިކާ ފިޔަވައި، ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނީވެސް އިންޑިއާއިންނެވެ.