މިއަދު ހެނދުނު މާލެއަށް ވެހުނު ބޯ ވިއްސާރައިގައި މާފަންނާއި ހެންވޭރުގެ ބޮޑު ބައެއްގައި ފެންބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށް ފެންވަނުމުގެ ސަބަބުން މިހާތަނަށް 3 ގެއަކުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީއަށް އެދިފައިވާކަމަށް އެއޮތޯރިޓީން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން 3 ގެއަކުން ރިޕޯޓުކޮށްފައިވާކަމަށާއި މި ގެތަކުގެ ހާލަތުބަލައި އަދި މިނޫންވެސް ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު ދެނެގަތުމަށް އެމަޖެންސީ އޮޕަރޭޝަންސްގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.
އަދި މީގެ އިތުރުން ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާތައް ޖެހުމަށާއި އާއްމު ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއި މި މައުލޫމާތު ހިއްސާކުރެވި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ކައުންސިލަށް މިހާރު ފޯރުކޮށްދެވިފައިވާކަމަށްވެސް އެންޑީއެމްއޭއިން ހާމަކުރެއެވެ.
ހެނދުނު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާއިރު އެމްއެންޑީއެފުންވަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. އެ ސަރަހައްދުތަކަކީ ވެސްޓްޕާކް ސަރަހައްދާއި އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދުގެ އިތުރުން އެކުވެނި ސަރަހައްދެވެ.
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މެންދުރުފަހުންފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރައިން ލަފާކުރެއެވެ.