ރާއްޖޭން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ސޮބާހް ރަޝީދު ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމުމުން ސޮބާހް ޖޭޕީގެ ކައުންސިލް ސީޓް ބޭނުންވީ ހިމާޔަތް ހޯދަންތޯ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފަށް ފޮނުވި ސިޓީގައި ޖޭޕީން ވަކިވިކަން ނިންމައި ސޮބާހުވަނީ، ޖުމްހޫރީ ޕާޓީގެ ނިންމުންތަކުގެ ސަބަބުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލި ގައުމީ މަސްލަހަތަށްކުރާ ނޭދެވޭ އަސަރުގެ ސަބަބުންނާއި ޕާޓީގެ ލީޑަރަށް ސިޔާސީ ގޮތުން ލިބޭ ގެއްލުން ތަހައްމަލުކުރަން އުނދަގޫކަމަށްބުނެފައެވެ. އަދި ސަރުކާރުން އެކި ދާއިރާތަކުން ކާމިޔާބީތައް ހޯދާފައިވާކަމަށްބުނެ ރާއްޖޭގެ އިގްތިސާދު އިޔާދަކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތް ދެމެހެއްޓުމަށާއި އުމްރާނީީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ދެމެހެއްޓުމަށް ރައީސް ސާލިހަށް ތާއީދުކުރާކަން ސޮބާހުވަނީ ހާމަކޮށްފައެވެ.

މިކަމަށް ރައްދުދެއްވައި އަބްދުﷲ އަހުމަދު ވިދާޅުވީ 2018ވަނަ އަހަރުގެ ކުރީކޮޅު ސޮބާހު ރަޝީދު އިނގިރޭސީވިލާތުގައި ހުރެގެން ބޭނުންވީ ޖޭޕީގެ ކައުންސިލް ސީޓެއްކަމަށެވެ. އަދި ޖޭޕީން މިކަން ގަބޫލުކޮށް ދިން ފުރުސަތާއިއެކު ދައުރު ނިންމާލެއްވީ ހަތް އަހަރު ތެރޭގައި ޖޭޕީގެ އިންތިހާބީ މައި މަރުކަޒުކަމަށްވާ ކުނޫޒަށް ނުވަދެކަމަށާއި ކައުންސިލްގެ އެންމެ ޖަލްސާއެއްގައިވެސް ބައިވެރިނުވަކަމަށެވެ. އެހެންކަމުން ޖޭޕީގެ ސީޓް ބޭނުންވީ ހިމާޔަތް ހޯދަންތޯ އަބްދުﷲ އަހުމަދުވަނީ ސުވާލު އުފައްދަވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމަވާފައިވާތީކަމަށްބުނެ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެމުންދަނީ ނަމުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްކުރިޔަސް ޕާޓީއާއި ބެހޭ ބައެއް ނޫންކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދުވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.