ރޯދަނުހިފޭ ހާލަތުގައި ތިބޭމީހުން ކައިބޮއެ ހަދާނަމަ އެކަންކުރަންވާނީ މީސްތަކުންނަށް ނުފެންނަގޮތަށް ކަމަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރޯދަ ނުހިފޭ ހާލަތުގައި ތިބޭ މީހުން އާންމު ތަންތަނުގައި ކައިބޮއި ހެދުމަކީ ދީނީ ގޮތުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ ސުވާލުކުރުމުން، ޑރ. އިޔާޒް ވިދާޅުވީ، މީސްތަކުންނަށް ނުފެންނަގޮތަށް ކެއުންބުއިން ރަނގަޅު ކަމަށެވެ. "ވީނިއުސް" އިން މި ސުވާލުކޮށްފައިވަނީ މިފަހުން ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

މާލޭ ސަރަހައްދުގައި އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ރޯދަމަހު، އާންމުން އެއްވެއުޅޭ ތަންތަނުގައި (މަގުތަކާއި މައިޒާންތައް ފަދަ ތަންތަނުގައި) ކައިބޮއެ އުޅޭ މައްސަލަތައް މީގެ ކުރީ އަހަރުތަކުގައި ފެންމަތިވެފައި ވެއެވެ. މިއަހަރުވެސް އެފަދަ މައްސަލަތައް ސޯޝަލްމީޑިއާގައި އަންނަނީ ފެންމަތިކުރަމުންނެވެ. މީގެތެރޭގައި ޝަރުއީ އުޒުރެއްނެތި ރޯދަ ނުހިފާ މީހުންނާއި ޝަރުއީ އުޒުރަކާ ހުރެ ރޯދަ ނުހިފޭ މީހުންވެސް ހިމެނެއެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކޮންމެ ހާލަތެއްގައިވެސް ރޯދަ ނުހިފާ ކަމުގައި ވަނީނަމަ ކައިބޮއެ ހަދަންވާނީ ރޯދަވެރިންނަށް ނުފެންނަ ގޮތަށް ކަމަށެވެ. އާންމު ތަންތަނުގައި ފާޅުގައި އެކަންކުރުމަކީ ރޯދަވެރިންނަށް އިހުތިރާމް ކުޑަކުރުން ކަމަށާއި އެއީ އެންމެ ރަނގަޅުގޮތް ނޫންކަަމަށް ޢިލްމުވެރިން ބުނެއެވެ.

ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޢަބްދުﷲ ބިން ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((بُنِيَ الإِسْلامُ عَلَى خَمْسٍ : شَهَادَةِ أَنْ لا إِلَهَ إِلا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ ، وَإِقَامِ الصَّلاةِ ، وَإِيتَاءِ الزَّكَاةِ ، وَالْحَجِّ ، وَصَوْمِ رَمَضَان)) [رواه البخاري في صحيحه برقم: (8) ومسلم في صحيحه برقم: (18)]

މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި ޙައްގުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށް ހެކިވުމާއި ، މުޙައްމަދު صلى الله عليه وسلم އީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ޙައްޖުވުމާއި އަދި ރަމަޟާންމަހުގެ ރޯދަ ހިފުމެވެ.”

ޝަރުޢީ ޢުޒުރަކާ ލައިގެން މެނުވީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މުސްލިމަކު ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ފަހެ ޢުޒުރަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްފި މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. އަދި އޭނާގެ ނަފްސު ﷲ ގެ ކޯފާއާއި ޢަޛާބަށް ހުށައަޅައިފިއެވެ. އަދި ފާފައަށް ތައުބާވެ ﷲގެ މަގަށް ރުޖޫޢަވެ، ދޫކޮށްލި ރޯދަ ޤަޟާކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ވެއެވެ.