ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން، މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޖޭޕީ ބަދުނާމު ކުރައްވަމުން ގެންދަވާތީ، އެކަން އެގޮތަށް ނުކުރެއްވުމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ޤާސިމް އިބްރާހިމް މިފަދައިން އެދިވަޑައިގަތީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޤާސިމް އިބްރާހިމް ވަނީ، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި، ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އޮތްގޮތް ހާމަކުރުމަށްފަހު ޕާޓީން ވަކިވާކަން ޢިއުލާން ކުރެއްވުން ކީއްތޯ އައްސަވާފައެވެ.

ޤާސިމް އިބްރާހިމް މި މޭރުމުން ޓުވީޓެއްކުރައްވާފައި މިވަނީ، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެޕާޓިން ވަކިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރައްވަން ނިންމަވައި، އެކަން އިއުލާނުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެފައިވާއިރު މިފަދަ ނިންމުމެއް އެންމެފުރަތަމަ ނިންމާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ ސަމީރުއެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީން އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމި ދުވަހު، ކައުންސިލް ބައްދަލުވުމުގެ ތެރެއިން ސަމީރު ވަނީ ޕާޓީން ވަކިވާން ނިންމިކަން އިއުލާނުކުރައްވާފައެވެ.

އެފަހުން، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ވަނީ ޕާޓީން ވަކިވާން ނިންމިކަން އިއުލާނުކޮށްފައެވެ. އަދި އެ ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރގެ މަޤާމުގައި ހުންނެވި އާދަމް އާޒިމްވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

މިހުރިހާ ބޭފުޅުންވެސް ޖޭޕީން ވަކިވެވަޑައިގަތީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް އިންތިޚާބުކުރުމަށް ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީ އިސްވެއޮވެ ކޯލިޝަން ހެދުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ހާލު، ޖޭޕީގައި ހުރުމަކީ އެންމެ ރަނގަލު ގޮތް ނޫންކަމަށް ވެސް އެބޭފުޅުން ޕާޓީން ވަކިވެވަޑައިގަތްއިރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި އިލްހާމް އަހްމަދު ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން ޕާޓީން ވަކިވެ، ސަރުކާާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް އަޑުއިވެމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ޕާޓީން މާބޮޑަށް ހާސްވާކަމެއް ނޫންކަމަށާއި، އެކަމަށް މާބޮޑު ފަރުވާލެއްނެތް ކަމަށެވެ.

އެފަދަ ނިންމުމެއް ނިންމުމުގެ އިހްތިޔާރު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެ ޕާޓީގެ އެއްވެސް މެމްބަރަކު އެއްޗެއް ނުބުނާނެ ކަމަށާއި، ޕާޓީން ވަކިވާ ބޭފުޅުން ވެސް، ވަގުތު ޖެހޭއިރު އެނބުރި ޕާޓީއަށް އައިސް، ޖޭޕީގެ ޓީމު ރުކުރުވާލާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.