އޭނާއަށް މިއަދު ހޭލެވުނީ، ބޮލަށް އުނދަގޫވާ ހާލުގައެވެ. ހިތްދަތިކަމާއި ވޭނާ އުނދަގޫކަމުގެ އިހުސާސްތަކުން ހިތްބަރާވެ، އެއްވެސްކަމެއް ރަނގަޅު ކަމުގެ އިހުސާސެއް ނުވާ ހާލުގައެވެ. މިއީ، މީގެ ހަަ އަހަރުކުރިން ރަހުމުކުޑަ ގޮތަކަށް މަރާލި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ދައްތަ އައިޝާ މިއަދު އޭނާގެ ހާލަތު ބަޔާންކޮށް، އިހުސާސްތައް ބަންޑުންކޮށްލި ގޮތެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނުނީ 2017 އެޕްރީލް މަހު، ދަންވަރުގެ ވަގުތެއްގައެވެ. އުމުރުން 29 އަހަރުގައި، ސ. ފޭދޫ ޗަނބޭލީގޭ ޔާމީން، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވާކަމަށް ވަނީ އެނގިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ޔާމީން މަރާލާފައިވަނީ "ގަސްދުގައި ތޫނު ހަތިޔާރުން ހަމަލާދީ"އެވެ. ޔާމީނަކީ، އޭގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ، "މިނިވަން" ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެ ރަހުމުކުޑަ މަރަށް ހަ އަހަރު ފުރޭއިރު ޔާމީން ރަޝީދުގެ އާއިލާއަށް މިހާތަނަށް އިންސާފު ހޯދައިދެވިފައި ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރުކުރި ރިޟްވާނުގެ މަރުގެ މައްސަލައިގެ ރިޕޯޓަށްފަހު ދެން އޮތީ ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މިހާތަނަށް އިންސާފު ނުލިބިވާ ރިޟްވާނާއި ޔާމީންގެ މަރުގެ ޙާދިސާގެ މައްސަލައިގެ ތަޙުޤީޤަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިޟްވާނުގެ މަރުގެ މައްސަލައިގެ ރިޕޯޓު ލިބިފައިވާކަމަށާއި އަދި އެ ރިޕޯޓުގައި ހުރި ރިކޮމެންޑޭޝަންތަކާއި އެއްގޮތަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން މައްސަލައިގެ ދަޢުވާލިބޭ ތިން ފަރާތެއް ހައްޔަރުކޮށް، މައްސަލައިގެ ކޯޓު މަރުޙަލާ މިހާރު ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ކުރަމުން ގެންދާކަމަށެވެ.

ރިޟްވާނަށް ފަހު ދެން އޮތީ ޔާމީނުގެ ތަޙުޤީޤު ރިޕޯޓްކަމަށް ރައީސް ވިދާޅުވިއިރު ރިޔާސީ ކޮމިޝަނުގެ މަސައްކަތްތަކުގެ ސްޕީޑް ލަސްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކޮމިޝަނަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.