މާލެ ސިޓީ ކައުންސިލް މުވައްޒަފުން ރޭ ހުސްކޮށްފައިވަނީ ޔޫތު މިނިސްޓްރީއަށް ބާރު ފޯރުވޭ ބިމެއްގައި ހުރި ގުދަނެއް ނޫންކަމަށާއި އެއީ މާލޭ ސިޓީ ކައުންސިލްގެ ބިމެއްގައި ހަދާފައިވާ ގުދަނެއްކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލައި، ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރ މަހްލޫފް ވަނީ މީސްމީޑިއާއަށް އެކަން ތިލަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލާ ކަމަށާއި، ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް މާލޭ ސިޓީ ކައުންސިލުން ޒިންމާ އުފުލަންވާނެ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގުދަނަކީ މިނިސްޓްރީގެ އިވެންޓްތަކަށް ބޭނުން ކުރާ ސައުންޑް ސިސްޓަމްތަކާއި ލައިޓްތައް ވެސް ރައްކާކޮށްފައި ހުރިތަނެކެވެ.
ޓޯޔާޑް ފަހަތަށްވާގޮތަށް ހުންނަ ކުރީގެ ރުމާލު ޖަގަހަ ހުރި ސަރަހައްދުގައި ހުރި މި ގުދަނަކީ، މީގެ އަހަރުތަކެއްކުރިން ޕްލޭނިންގް މިނިސްޓްރީން ޔޫތު މިނިސްޓްރީއަށް ދީފައިވާ ބިމެއް ކަމަށާއި އެ ބިމަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑޯ ވޮލީ ސެންޓަރެއް ގާއިމު ކުރަން ނިންމައި މިހާރު ބިޑު ވެސް ޓެންޑާ ކޮށްފައިވާ ތަނެއްކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ބިމަކީ މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ ހަދާފައިވާ ބިމެއް ކަމަށެވެ. އަދި ގުދަން ހަދާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހުއްދަދީގެން ނޫން ކަމަށާއި، އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން ކައުންސިލުގައި ހުރި ލިޔެކިޔުންތަކުން އެނގެން ނެތްކަމުގައި މި ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، އެ ގުދަނަކީ ގަވައިދާ ޚިލާފަށް މާލޭ ސިޓީ ކައުންސިލުގެ ހުއްދަނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީ، އެ ގުދަނުގައި ބަހައްޓާފައިހުރި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށާއި، 10 ވަނަ ދުވަހުގެ ނިޔަލަށް ގުދަނުގައި އެ ތަކެތި ބަހައްޓާފައިވާ ފަރާތަކުން އެކަން ސިޓީ ކައުންސިލަށް ނާންގާނަމަ، ނުވަތަ ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާކަމުގެ ލިޔުންތައް ހުށަނާޅާނަމަ، ގުދަން ރޫޅާލައި އެތަނުގައި ހުރި ތަކެތި ކައުންސިލުގެ ބެލުމުގެދަށަށް ގެންދާނެކަން އިއުލާނުކޮށްފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ހުސްވި މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވެސް މި އިއުލާނާ އެއްގޮތަށް އެއްވެސް ފަރާތަކުން ކަންކޮށްފައި ނުވާތީ، އެ ގުދަނަކީ ވެރިފަރާތެއްނެތް ތަނެއްގެ ގޮތުގައި ބަލައި، އެ ގުދަން ހުސްކުރުމަށް ބެލިއިރު، ގުދަނުގައި މުދާތަކެއް ހުރިކަން އެނގުމާއެކު، އެ މުދާތައް ރައްކާތެރިކަމާއެކު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަމަށް ވެސް ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ގުދަނަކީ ސިޓީ ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭ ތަނަކަށްވާތީ، މި ގޮތަށް ކަންކުރީ އެ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ ބޭނުމުގައިކަން ވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިންކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ވަނީ ދީފައެވެ.