ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ "އަރބަންކޯ" ބްރޭންޑް ލޯންޗްކޮށްފިއެވެ.
މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުން ފެށި މަސައްކަތައް މިއަދަށް މިވަނީ 22 އަހަރު ވެފައެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުން ކޮޅަކާއެކު ފެށުނު މި މަސައްކަތް ފުޅާވެ އޭރު ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް މިއަދުގެ އެޗްޑީސީން މަސައްކަތްތައް ބަށްޓަން ކުރެވި ރޭވުންތެރިކަމާއެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް އެސް.އޯ.އީގެ ގޮތުގައެވެ.
އެ ކޯޕަރޭޝަންގެ ޚިދުމަތަށް 22 އަހަރު ފުރޭއިރު، ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އަރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކުންފުނީގެ ބްރޭންޑް "އަރބަންކޯ" މިއަދު ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާ ގުޅިގެން ގެނެވެންހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާއާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުމެވެ.
އަރބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާއެކު ތަޢާރަފުކުރުވުނު އަރބަންކޯ ބްރޭންޑިންގް ވެގެންދާނީ މިހާރު ކުންފުނިންދޭ ޙިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށެވެ. އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙް ކުރެވިފައި ވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާދޭނެ ބައިވެރިއަކީ އަރބަންކޯ ކަމުގައެވެ. މީގެއިތުރުން، ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން، އަރބަންކޯ އެޕް ވަނީ މިއަދު ލޯންޗްކޮށްފައެވެ. މިހާރު ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއެކު އެއްތަނަކުން ހޯދޭނެ މަގު މި އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
ހުޅުމާލެއިން ފެށި މި ބިއަ ބޮޑު ދަތުރު، ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާ މިއަދު މިވަނީ މުޅި ރާއްޖެ ވެސް މި ދަތުރުގެ ބައިވެރިއަކަށް ހެދުމަށް ފެށިފައެވެ. ޒަމާނީ ތަރައްޤީއާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އަރބަންކޯގެ އަމާޒެވެ. އެޗްޑީސީން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ، ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތްތައް އިސްކޮށްގެނެވެ.