އެއްވެސް ޝަރުތަކާނުލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙަށް ތާއީދުކޮށް، އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތްކުރަން ބައިއަތުހިފައިފިންކަމަށް، ޖުމްހޫރީ ޕާޓީގެ ކުޑައިގެ ދަށުން މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމު ލިބިވަޑައިގަތް، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ވީނިއުސް"އިން މީގެކުރިން ވާނީ، ޖޭޕީއިން ވަކިވެވަޑައިގަތުމަށް ނިންމެވިކަމުގެ އިޝާރާތެއް މިނިސްޓަރ މައުސޫމް ކުރައްވާފައިވާކަމަށް ރިޕޯޓުކޮށްފައެވެ. "ވީނިއުސް"އަށް އިތުބާރުހުރި މަސްދަރަކުން ވަނީ، މިނިސްޓަރ މައުސޫމް ޖޭޕީގެ މީސްމީޑިއާ ގުރޫޕުތަކުން ނުކުމެވަޑައިގެންފައިވާކަން މީގެކުރިން ކަށަވަރުކޮށްދީފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު މަސައްކަތްކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައި މިނިސްޓަރ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙަށް ދެވަނަދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ވިސްނުންހުރުމާއެކު، އެއްވެސް ޝަރުތަކާ ނުލައި އެމަނިކުފާނަށް ތާއީދުކޮށް ބައިއަތުހިފާކަން ހިއްސާކުރައްވާ ކަމަށެވެ.
އަދި މިކަން ރަމްޒުކޮށްދީ ފޮޓޯއެއް ވެސް މިނިސްޓަރ މައުސޫމް ހިއްސާކުރައްވާފައިވެއެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރާ މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު ޖުމްހޫރީ ޕާޓީން ވަކިވެފައިވާއިރު، އެކަން އެހެން ހިނގަން އުޅޭކަމަށް ފާއިތުވީ ދެތިން ދުވަހު މީސްމީޑިއާގައި އެކި ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި އިލްހާމް އަހްމަދު ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން ޕާޓީން ވަކިވެ، ސަރުކާާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް އަޑުއިވެމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ޕާޓީން މާބޮޑަށް ހާސްވާކަމެއް ނޫންކަމަށާއި، އެކަމަށް މާބޮޑު ފަރުވާލެއްނެތް ކަމަށެވެ.
އެފަދަ ނިންމުމެއް ނިންމުމުގެ އިހްތިޔާރު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެ ޕާޓީގެ އެއްވެސް މެމްބަރަކު އެއްޗެއް ނުބުނާނެ ކަމަށާއި، ޕާޓީން ވަކިވާ ބޭފުޅުން ވެސް، ވަގުތު ޖެހޭއިރު އެނބުރި ޕާޓީއަށް އައިސް، ޖޭޕީގެ ޓީމު ރުކުރުވާލާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން، މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީން ވަކިވެ ރައީސް ޞާލިޙަށް ތާއީދުކުރާކަން ހާމަކުރެއްވުމުގެ ގޮތުން، ޖޭޕީ ބަދުނާމު ކުރައްވަމުން ގެންދަވާތީ، އެކަން އެގޮތަށް ނުކުރެއްވުމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.
ޤާސިމް އިބްރާހިމް މިފަދައިން އެދިވަޑައިގަތީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޤާސިމް އިބްރާހިމް ވަނީ، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި، ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އޮތްގޮތް ހާމަކުރުމަށްފަހު ޕާޓީން ވަކިވާކަން ޢިއުލާން ކުރެއްވުން ކީއްތޯ އައްސަވާފައެވެ.