ބޯކޮށް ވާރޭ ވެހިއްޖެނަމަ މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ އައުކަމެއް ނޫނެވެ. ހައްލުނުވެ އޮތް، އެތައް ބަޔެއްގެ ދިރިއުޅުމާ ގުޅިފައިވާ މައްސަލައެކެވެ. މިހާތަނަށް އައިއިރު މިމައްސަލަ ހައްލުކުރަން މަސައްކަތްކުރުމަށްވުރެ ބޮޑަށް ފެންނަނީ ސިޔާސީ ގޮތުން "މެޑަލް" ޖަހަން އެއްބަޔަކު އަނެއް ބަޔަކު ގޯސްކޮށް، އެކަކު އަނެކަކުގެ ބޮލަށް މައްސަލަ "ކަނޑާލާ" މަންޒަރެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވެގެން އެވާހަކަ އެންމެ ގަދަޔަށް ދެއްކި ބަޔަކަށް މިއަދު ވެރިކަމުގައި ތިބި ބޭފުޅުންވާނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅުގައި ތިބެގެން އޭރުގެ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ހައުސިން މިނިސްޓަރަކަށް ހުންނެވި، ޑރ. މުހައްމަދު މުއިއްޒަށް ނިކަން ފާޑުވިދާޅުވިއެވެ. ފާޑުވިދާޅުވުން އެކަންޏެއް ނޫނެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަބަދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ހައުސިން މިނިސްޓަރ ޑރ. މުއިއްޒުގެ އިސްތިޢުފާއަށްވެސް ގޮވިއެވެ. އަނެއްކޮޅުން އޭރުގެ ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ފާޑުވިދާޅުވަމުން ގެންދެވީ މާލޭ ސިޓީ ކައުންސިލާއި އޭރުގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދަށެވެ.
މިއަދުވެސް އެއް ހާލަތެކެވެ. ތަފާތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެއްބަޔަކު މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލާއި މޭޔަރު ޑރ. މުއިއްޒު ގޯސްކޮށް ފާޑުކިޔާއިރު، މިއަދުގެ ސަރުކާރާ އިދިކޮޅު ފަރާތްތަަކުގެ އިނގިލި ހުރީ ސީދާ ސަރުކާށެވެ. އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުއިއްޒު ފާޑުވިދާޅުވީ ސަރުކާރުގެ ކުންފުނި އެމްޑަބްލިއުއެސްސީއަށެވެ. ހޮނިހިރު ދުވަހު މާލެއަށް ވެހުނު ބޯވާރެއާއެކު ފެންބޮޑުވި މަގުތަކުން ފެން ނުހިނދި އެތައް އިރަކު ހުރީ ޕަމްޕުތައް ނުޖައްސާ ނުވަތަ އެއެއްޗެހި މަސައްކަތްނުކުރާތީ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިއުމުގެ ސަބަބުން ކަމަށް އޭނާ ވިދާލުވިއެވެ.
އެކަމަކު މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފަށް ގޯސްވީ މޭޔަރާއި ސިޓީ ކައުންސިލެވެ. އޭނާ ވިދާޅުވި ގޮތުގައި ފެން ހިންދުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލަށެވެ. ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށާއި ފެންގަނޑު ހިންދުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތެއް ކުރިތޯ އޭނާ ސުވާލު އުފެއްދިއެވެ.
އެއްބަޔަކުވެސް ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އިދިކޮޅުން ގޯސްކުރަނީ ސަރުކާރާއި ސަރުކާރުގެ ވުޒާރާތަކެވެ. ސަރުކާރާއި ސަރުކާރުގެ ވުޒާރާތަކުގެ ވެރިން ގޯސްކުރަނީ ސިޓީ ކައުންސިލާ މޭޔަރެވެ. މައްސަލައިގެ ހައްލަށް ވާސިލުވާން ސީރިއަސްކޮށް މަސައްކަތްކުރުމުގެ ބަދަލުގައި ފެންނަނީ އެއްބަޔަކު އަނެއްބަޔަކު ގޯސްކޮށް، "ޑިގުވައްޓަން" މިކަންތައްވެސް ޓޫލެއްގެ ގޮތުގައި ބޭނުންކުރާ ތަނެވެ.
ހޮނިހިރު ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފައިވާއިރު، ގެއްލުންވި ބައެއް ގޭބިސީތަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެން.ޑީ.އެމް.އޭއިން ވަނީ ވިއްސާރައިގައި ގެއްލުންވުމުގެ ސަބަބުން ރިޕޯޓުކުރި ތިން ގޭބިސީއަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިއްޔެ ހެނދުނު ގާތްގަނޑަކަށް 10:00 އިން ފެށިގެން ވެހެންފެށި ވާރޭ މެންދުރު ފަހު 2:00 އަށް ދެމިގެންދިޔައެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފޫޓަކަށްވުރެ ބޮޑަށް ބައެއް ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ، ބޯކޮށް ވިއްސާރަވެހުމުގެ ސަބަބުން ބައެއް ގޭބިސީތަކަށް ފެންވަދެ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތިވަނީ ހަލާކުވެފައިވާކަމަށެވެ. އަދި، ބައެއް ގެތަކުގެ ތެރެއަށް ނަޖިސް ބޭރުވުމުގެ މައްސަލަތައް ރިޕޯޓުކޮށްފައިވާކަމަށް އެން.ޑީ.އެމް.އޭއިން ބުނެފައިވެއެވެ.