އައްޑޫ ސިޓީން މީސްލްސް ނުވަތަ ހިމަބިއްސަށް ކުޑަކުއްޖަކު ޕޮސޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު އައްޑޫން މީސްލްސްއަށް ކުޑަކުއްޖެއް ޕޮޒިޓިވްވެއްޖެ ކަމަށާއި އިތުރު އެއް ކޭސް ދެނެގަނެވި ސާމްޕަލް ނަގައި ޓެސްޓްހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

އެހެން ނަމަވެސް، އިންފެކްޝަސް ޕީރިއަޑް ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށް އެޗްޕީއޭން ބުނެއެވެ.

އެއެޖެންސީން ބުނީ، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހުން ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުން ކަމަށެވެ.

މީގެ އިތުރުން ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިންދިނުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ހިމަބިހި (އިނގިރޭސި ބަހުން: Measles) އަކީ މީސްލްސް ވައިރަސް (އިނގިރޭސި ބަހުން: Measles virus) ގެ ސަބަބުންޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން (ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި) މިބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ނޭފަތުން އަރިދަފުސް އަދި ފެން ފޭބުން، ލޮލުރޯގާޖެހުން، އަދި އަނގައިގެތެރޭގައި ރަތް ކުލައަކަށް ހުންނަ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހިމަބިހި ޖެހޭތާ ހަތަރުވަނަ ދުވަސް ހިސާބުގައި ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މިފެންބިހި ތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތް ފައި އަދި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް ފަސްދުވަސްވަންދެން މިބިހިތައް ދެމިހުރެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން ނުވަމަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ.