އިންޑޮނޭޝިޔާގެ ހުޅަނގުގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑޮނޭޝިޔާ ގަޑިން މިރޭ 9:59 ގައި އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 6.1 ގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާރވޭއިން ބުނެފައިވަނީ، ބިންހެލުން އުފެދިފައިވަނީ ސުމަޓްރާގެ އުތުރުން އޮންނަ ޕަޑަންގްސިޑެމްޕުއަން ސިޓީގައި ކަމަށާއި، ބިންހެލުން އައިސްފައިވަނީ 84 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން، އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ވީކަމުގެ ރިޕޯޓެއް، އިންޑޮނޭޝިޔާއިން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، ގެތަކަށް ލޮޅުން އެރިކަމަށް އާންމުން ރިޕޯޓް ކުރަމުން ގެންދެއެވެ.

ބިންހެލުމުގެ ގުޑުންތައް ވަރަށް ގިނައިރު ދެމިހުރި ކަމަށްވެސް އާންމުން ރިޕޯޓްކުރަމުން ގެންދެއެވެ.

އިންޑޮނޭޝިޔާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީން ބުނެފައިވަނީ، ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ ބިރެއް ނެތް ކަމަށެވެ.

އެހެންނަމަވެސް، އިތުރު ލޮޅުންތައް އަތުވެދާނެތީ އާންމުން ރައްކާތެރިވެ ތިބުމަށް އިރުޝާދު ދީފައި ވެއެވެ.

ބިންހެލުން އައުމާއި، އަލިފާން ފަރުބަދަތައް ގޮވުމަކީ އިންޑޮނޭޝިޔާ އަބަދުވެސް ތަޖުރިބާ ކުރަމުންދާ ކަމެކެވެ.

އިންޑޮނޭޝިޔާ އޮންނަނީވެސް، ދުނިޔޭގައި އެންމެ ގިނައިން ބިންހެލުންތައް އަންނަ، އަލިފާން ފަރުބަދަތައް ގޮވާ "ރިންގް އޮފް ފަޔަރ" މަތީގައެވެ.

މިދިޔަ ނޮވެމްބަރުމަހު ވެސް، އިންޑޮނޭޝިޔާގެ ވެސްޓް ޖާވާއަށް ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި 602 މީހުން މަރުވިއެވެ.