މިއަހަރުގެ ފެބްރުއަރީމަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހަތޭ ޕްރޮވިންސުން ވެއްޓުނު އިމާރާތެއްގެދަށުން 128 ގަޑިއިރުފަހުން ނެގި ތުއްތު ކުއްޖާ، އެންމެފަހުން އޭނާގެ މަންމައާ ހަވާލުކޮށްފިއެވެ.
ވެއްޓިފައިވާ އިމާރާތުގެ ދަށުން ނެގި މި ތުއްތު ކުއްޖާއަކީ ކާކުގެ ދަރިއެއްކަމެއް އަދި އެކުއްޖާގެ ނަމެއްވެސް ނޭނގޭތީ، މިހާތަނަށް އެކުއްޖާ ބަލަހައްޓަމުން އައީ ސިއްހީ އިދާރާތަކުންނެވެ. އެކުއްޖާގެ ނަމަކަށް ކިޔަމުން އައީ ގިޒެން (މިސްޓްރީ) އެވެ. އުމުރަކީ 3 މަހާއި ބައެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވަނީ، ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތް ދަށުވެ، އެ ކުއްޖާގެ މަންމަވެސް މަރުވެފައިވާ ކަމަށެވެ.
ތުއްތު ކުއްޖާ، ވެއްޓިފައިވާ އިމާރާތުގެ ދަށުން ސަލާމަތްކުރިތާ 54 ދުވަސްފަހުން، މިދިޔަ ހޮނިހިރު ދުވަހު އެ ކުއްޖާވަނީ، އޭނާގެ މަންމައާ ހަވާލުކޮށްފައެވެ.
ތުރުކީ ސަރުކާރުގެ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ތުއްތު ކުއްޖާ، އޭނާގެ މަންމައާ ހަވާލުކުރީ، ޑީއެންއޭ ޓެސްޓު ހެދުމަށްފަހު އެއީ އެ ތުއްތު ކުއްޖާގެ މަންމަކަން ކަށަވަރު ކުރުމަށްފަހުގައެވެ.
ތުއްތު ކުއްޖާގެ އަސްލު ނަމަކީ ވިޓިން ބެގްދަސްއެވެ. އޭނާގެ މަންމަގެ ނަމަކީ ޔާސްމީން ބެގްދަސްއެވެ. ބިންހެލުމުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ޔާސިމީން އަދިވެސް އޮތީ އަދަނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ.
އެ ކުއްޖާގެ ބައްޕައާއި، އެއްބަނޑު އެއްބަފާ ދެބޭބެއިން ބިންހެލުމުގައިވަނީ މަރުވެފައެވެ.
ތުއްތު ކުއްޖާ، އޭނާގެ މަންމައާ ހަވާލު ކުރެއްވުމަށްފަހު، ތުރުކީ ސަރުކާރުގެ މިނިސްޓަރ އޮފް ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދީރްޔާ ޔަނިކްވަނީ ވީޑިއޯއެއްވެސް އާންމު ކުރައްވާފައެވެ. އަދި ވިދާޅުވީ "ވިޓިންއަކީ މިހާރު އަހަރެމެންގެވެސް ކުއްޖެއް" ކަމަށެވެ.
ތުއްތު ކުއްޖާއަށް މިނިސްޓްރީން އަބަދުވެސް އެހީތެރިކަން ދެއްވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބިންހެލުން އައިތާ 128 ގަޑިއިރުފަހުން، އެ ތުއްތު ކުއްޖާ، ވެއްޓިފައިވާ އިމާރާތުގެ ދަށުން ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވުމަކީ މުޢުޖިޒާތެއްފަދަ ކަމެއްގެ ގޮތުގައި، މިނިސްޓަރ ދީރްޔާ ޔަނިކް ސިފަކުރެއްވިއެވެ.
ބޭބީ "މިސްޓްރީ" ގެ އިމާރާތުގެ ދަށުން ނަގާ މަންޒަރު ފެންނަ ފޮޓޯތަކާއި ވިޑިއޯތައް ސޯޝަލް މީޑިއާގައި ފަތުއަޑުކިޔާފައި ފެތުރިގެންދިޔައެވެ. އަދި އެތައް މިލިއަން ބައެއްގެ ލޯބި، އެ ތުއްތު ކުއްޖާއަށް އޮހިގެންދިޔައެވެ.
އަދި އިމާރާތްތަކުގެ ދަށުން ސަލާމަތްކުރި އެނޫން ކުދިންނަށްވެސް އެތައް ބައެއްގެ ލޯބި އޮހިގެންދިޔައެވެ.