ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތަކާ ދެކޮޅަށް އިސްލާމީ އުންމަތް އެއްގަލަކަށް އަރަން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގޮވާލައްވައިފިއެވެ.

ތުރުކީގެ ރައީސް މިކަމަށް ގޮވާލެއްވީ، އީރާނުގެ ރައީސް އިބްރާހިމް ރައީސީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއި، އީރާނުގެ ރައީސް އިބްރާހިމް ރައީސީވެސްވަނީ، އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަގްސާ މިސްކިތަށް ދިން ހަމަލާތަކާއި، މުސްލިމުންގެ މުގައްދަސް ތަންތަން ރައްކާތެރިކޮށް ހިމާޔަތް ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ، ޔޫރަޕްގެ ސިޓީތަކުގައި ކީރިތި ޤުރުއާނުގެ ކޮޕީތައް އެންދުންފަދަ މުސްލިމުންނަށް ދިމާވާ ބޮޑެތި މައްސަލަތަކުގެ ވަގުތުގައި މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވެތިބުން ވަރަށް މުހިންމު ކަމަށެވެ.

އުރުދުޣާން ވިދާޅުވީ، މުސްލިމުން އެއް ވިސްނުމެއްގައި މަސައްކަތް ކޮށްފިނަމަ މުސްތަގްބަލުގައި މިފަދަ އަމަލުތައް ހިންގުން މަދުކުރެވޭނެ ކަމަށެވެ.

ތުރުކީގެ ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިދިޔަ ހަފްތާ ތެރޭގައި ތިންރޭމަތިން ވަނީ، ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަގްސާގައި ތަރާވީސް ނަމާދަށްތިބި އެތައްސަތޭކަ މީހުންގެ ގައިގައި ތަޅައި ބޮޑެތި އަނިޔާކޮށް އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށް އަދި ވަރަށް އަނިޔާވެރިކޮށް މުސްލިމުން އަގްސާ މިސްކިތުން ގަދަކަމުން ނެރެފައެވެ.

ނުވިތާކަށް، ހަފްތާ ނިމެމުންދަނިކޮށް އިސްރާއީލުގެ އުދުވާނީ ސިފައިންގެ މަތިންދާ ބޯޓުތަކުންވަނީ ބުރާސްފަތި ދުވަހުގެރޭވަނީ ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި ބޮޑެތި ގެއްލުންތައް ދީފައެވެ.

ޣައްޒާއަށް ބޮންއެޅިތާ ގަޑިއިރުތަކެއްފަހުން އިސްރާއީލު ސިފައިންވަނީ، ލުބުނާނުގެ ދެކުނަށްވެސް ބޮންއަޅާފައެވެ.

ލުބުނާނުގެ ދެކުނަށް ބޮންއެޅީ، އަގްސާ މިސްކިތަށް ދިން ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ތެރެއިން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް އެތައްސަތޭކަ ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން އެކަމުގެ ރައްދުގައި ކަމަށް ވެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، މިދިޔަ ބުދަދުވަހުވަނީ އިސްރާއީލުން އަގްސާ މިސްކިތަށްދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އުރުދުޣާން ވިދާޅުވީ، އިސްރާއީލުގެ އެ އަމަލަކީ "ތުރުކީގެ ރަތްރޮނގު" ހުރަސްކުރުން ކަމަށެވެ.

އަގްސާ މިސްކިތަށް ދިން ހަމަލާތައް އިސްލާމީ އެތައް ގައުމަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވާއިރު، ފަލަސްތީނު ސަރުކާރުންވަނީ، ހަމައެކަނި ބަޔާން ނެރެ ކުށްވެރި ކުރުމަކުން ނުފުދޭ ކަމަށާއި، ފަލަސްތީނު ރައްޔިތުންނާއި، އަގްސާ މިސްކިތުގެ ހިމާޔަތާއި ރައްކާތެރިކަމަށް އަމަލީގޮތުން ފިޔަވަޅުތަކެއް އަޅައި، އިސްރާއީލު ހުއްޓުވައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.