އައްޑޫ ސިޓީން ފެނުނު ހިމަބިހީގެ ކޭސްއާއި ގުޅިގެން ކުރެވުނު ސާވޭގައި މިހާތަނަށް 19 ފަރާތަކަށް ވެކްސިން ދީފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ތިންވަނަ ދުވަހު ފެނުނު ހިމަބިހީގެ ކޭސްއާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުންވަނީ ކޭސްއާ ކޮންޓެކްޓްވެފައިވާ ފަރާތްތައް ބަލައި މައުލޫމާތު އޮޅުން ފިލުވާފައިކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތައް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާވޭއެއް ކުރިއަށް ގެންގޮސް ހިމަބިހި ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ކޭސްއާ ގުޅިގެން މިހާތަނަށް 65 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު މިހާތަނަށް މި ފަރާތްތަކުގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ ހުރިހާ ފަރާތްތަކަކީ ވެސް ހިމަބިހި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށާއި މި ސާވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކުރެވި 19 ފަރާތަކަށް ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށް ކަނޑައަޅާފައިވާތީ ހިމަބިހީގެ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަކީ ކަނޑައަޅާފައިވާ ސަވައިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ އިދާރާތަކަކުން ކުރަމުން އަންނަ ކަމެއްކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

ހިމަބިއްސަކީ މީސްލްސް ވައިރަސްގެ ސަބަބުންޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން (ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި) މިބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ނޭފަތުން އަރިދަފުސް އަދި ފެން ފޭބުން، ލޮލުރޯގާޖެހުން، އަދި އަނގައިގެތެރޭގައި ރަތް ކުލައަކަށް ހުންނަ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހިމަބިހި ޖެހޭތާ ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މި ފެންބިހިތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތްފަޔާއި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް ފަސްދުވަސް ވަންދެން މި ބިހިތައް ދެމިހުރެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން ނުވަމަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިންމު ކަމެކެވެ.