ފާއިތުވީ ފަސްމަސް ދުވަހު ވެސް ކޮވިޑު ކޭސްތަކުގެ އަދަދު މައްޗަށް ނުދާ މިންވަރަށް، ފާއިތުވީ ހަފްތާގެ ތެރޭގައި އެ އަދަދުތައް މައްޗަށް ގޮސް، ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެންފަށައިފިއެވެ.
ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މި ހިނގާ އޭޕްރިލް މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެތެރެއިން 73 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ފާއިތުވީ ހަފްތާގެ ތެރޭގައި ރާއްޖޭގައި ކޮވިޑުގެ ސަބަބުން 17 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވެއެވެ.
ފާއިތުވީ ހަފްތާގައި ނުރައްކަލުގެ އިންޒާރު ދައްކުވައިދޭ އަދަދުތަކެއް ފެނިފައިވާއިރު، އޭގެ ކުރީ ހަފްތާގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 39 މީހުންނެވެ. އޭގެތެރެއިން 29 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެންމެފަހުން 50 އަށްވުރެ މަތިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނޮވެމްބަރު ހައެކާއި އެމަހުގެ 12 ވަނަ ދުވަހާ ދެމެދު 95 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން 63 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.
ކޮވިޑު ބަލީގައި މިހާތަނަށް ރާއްޖެއިން 311 މީހަކު މަރުވެފައިވާއިރު، ޖުމްލަ 185،894 ކޮވިޑް ކޭސް މިހާތަނަށް ރާއްޖެއިން ރިޕޯޓުކޮށްފައިވެއެވެ.
ކޮވިޑް ކޭސްތަކުގެ އަދަދުތައް ރާއްޖޭގައި ދަށަށްދާން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅުން ފަށައިގެންނެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާއިރު، މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އެދެއެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީއެންމެ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރަންޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމެވެ.