• ފިތުރު އީދު ބަންދަށް 4 ދުވަސް، ސްކޫލް ބަންދަށް 5 ދުވަސް

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހަޔައަށާއި، ފިތުރު އީދަށް ސައުދީ އަރަބިއްޔާގެ ސްކޫލްތައް ބުރާސްފަތި ދުވަހު ބަންދުކުރަން ނިންމައިފިއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، ތައުލީމީ އަހަރުގެ ތިންވަނަ ސެމިސްޓަރއަށް ނެރުނު ކަލަންޑަރުގައި ކަނޑައަޅާފައިވަނީ އޭޕްރީލްމަހުގެ 13 ވާ ބުރާސްފަތި ދުވަހު ހުރިހާ ސްކޫލްތަކެއް ބަންދުކުރުމަށެވެ.

އަދި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކާއި، ފިތުރު އީދުގެ ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވޭނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

ފިތުރު އީދަށް ސްކޫލްތައް ބަންދުކުރާއިރު، ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުންވަނީ، ޕްރައިވެޓް ސެކްޓަރގެ މުވައްޒަފުންނަށް ފިތުރު އީދު ބަންދުގެގޮތުގައި 4 ދުވަސް ލިބޭގޮތަށް ކަނޑައަޅައި، އެކަން އިއުލާން ކޮށްފައެވެ.

ޕްރައިވެޓް ސެކްޓަރ މުވައްޒަފުންގެ ފިތުރު އީދު ބަންދު ފެށޭނީ އޭޕްރީލް 20 ވާ ބުރާސްފަތިދުވަހުގެ ރަސްމީ މަސައްކަތު ވަގުތު ނިމުމުން ކަމަށްވެސް ކަނޑައަޅާފައި ވެއެވެ. އެއީ، ސައުދީ އަރަބިއްޔާއަށް ރަމަޟާންމަހުގެ 29 ވަނަ ދުވަހެވެ.

ފިތުރު އީދު ބަންދުގެގޮތުގައި ކަނޑައަޅާފައިވަނީ އޭޕްރީލްމަހުގެ 21 އިން 24 އަށެވެ.

ސައުދީ ސަރުކާރު މުވައްޒަފުންނަށްވެސް ފިތުރު އީދު ބަންދުގެގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ދުވަހެވެ. އެއީ، އޭޕްރީލް 21 އިން 24 އަށެވެ.