ލައިލަތުލް ޤަދްރިއަކީ ކޮބާ ހެއްޔެވެ؟ އެއީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުނެވެ. އެ ރޭގައި ކުރިއަށް އަންނަ އަހަރުގެ ހުރިހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރައްވައި ކަނޑައަޅުއްވައެވެ. އެރެއަކީ ހަގީގަތުގައި ވެސް ބަރަކާތްތުން ފުރިގެންވާ ރެއެކެވެ.

ޢިލްމުވެރިން ބުނަނީ، ލައިލަތުލް ޤަދްރިއަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއް ކަމަށެވެ. އާންމު ރޭރޭހެން ލައިލަތުލް ޤަދްރި ފެށޭނީ އިރުއޮއްސުމުންނެވެ. ނިމޭނީ ފަތިސް ވަޤުތާއި ހިސާބަށެވެ. އެރޭގައި ކުރާ އަޅުކަން 1000 މައްސަރުގައި ކުރާ އަޅުކަމަށްވުރެ ޘަވާބުގެ ގޮތުން އިތުރުވެގެންވާ ކަމަށް ވެއެވެ. 1000 މައްސަރަކީ 83 އަހަރަށްވުރެ ގިނަ ދުވަހެވެ.

صحيح سنن النسائي ގައި ވާރިދުވެގެންވާ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއްގައި ވެއެވެ.

أتاكم رمضانُ، شهرٌ مبارك، فرَضَ الله – عز وجل – عليكم صيامه، تُفتح فيه أبواب السماء، وتُغلق فيه أبواب الجحيم، وتُغَلُّ فيه مَرَدة الشياطين، لله فيه ليلةٌ هي خيرٌ من ألف شهر، من حُرِمَ خيرها فقد حُرم

މާނަ: "ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މައްސަރެކެވެ. އެ މައްސަރުގައި ﷲ عز وجل ވަނީ ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވާފައެވެ. އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ލެއްޕެވެއެވެ. އަދި ޝައިޠާނުންގެ މަރަދަތައް ކަސްތޮޅު އެޅުވެއެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ﷲ ލައްވާފައިވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާއަކީ ހަމަކަށަވަރުން އެންމެހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެ މީހެކެވެ.“

އެރޭ ޖިބްރީލްގެފާނާއި މަލާއިކަތްބޭކަލުން ރަޙްމަތާއި ބަރަކާތާއިގެން ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. އެރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.

ބުޙާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

“من قام ليلة القدر إيماناً واحتساباً غُفِر له ما تقدم من ذنبه” خرّجه البخاري ومسلم،

މާނަ: “ލައިލަތުލް ޤަދްރިވިލޭރޭ، އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދި އަޅުކަން ކޮށްފިމީހާގެ ވޭތުވެދިޔަހާ ފާފައެއް ފޮހެވިއްޖެއެވެ.”

ލައިލަތުލް ޤަދްރި ހޯދަން އެދޭ މީހާ ރޯދަ މަހުގެ ފަހުދިހައެއްގެ ރޭތަކުގައި އަޅުކަމުގައި މަސްއޫލުވުން ހުއްޓެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އެ ޝަރަފުވެރި، މަތިވެރި ރޭގައި ދަމުނަމާދު ކުރުމާއި އިޢުތިކާފުކުރުން ޝަރުއުވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ފަހު ދިހައިގައި އިޢުތިކާފުކުރެއްވިއެވެ. އެއީ ލައިލަތުލް ޤަދްރި ޙާޞިލްކުރެއްވުމަށް ޓަކައެވެ.

އިޢުތިކާފްކުރުމަކީ ﷲއާއި ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި މަޑުކުރުމެވެ. ރޭގަނޑު ނުވަތަ ދުވާލު ކަމުގައިވިޔަސްމެއެވެ.

ލައިލަތުލް ޤަދްރި ހޯދަން އެދޭ މީހާ އެރޭ ދުޢާކުރުން ޝަރުޢުކުރެއްވިއެވެ. އަދި ދުޢާކުރުމުން ﷲއާއި ކުއްތަންވުން ޝަރުޢުވެގެންވެއެވެ. ލައިލަތުލް ޤަދްރިއަކީ އެރެއެއްގައި ދުޢާ އިޖާބަކުރެއްވޭނެކަމުގައި އެންމެ ބޮޑަށް ބެލެވޭ ރެއެވެ. އެހެންކަމުން އެރޭ ގިނައިން ދުޢާކުރުން އެދެވިގެންވެއެވެ.

މި ނޫނަސް އެ ރޭގައި ގިނަގިނައިން ހެޔޮ އަމަލުތައް ކުރުމާއި ޒިކުރުކުރުން އެދެވިގެން ވެއެވެ.

ކީރިތި ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައިވެއެވެ.

“التمسوا ليلة القدر في الوتر من العشر الأواخر من رمضان“ خرّجه البخاري ومسلم

މާނަ:“ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރިރޭތަކުން ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަންނާށެވެ."

އެރެއަކީ ލައިލަތުލް ޤަރްދިއެވެ. ފަހެ، އެހެން ވުމުން އެ ރެއަކީ ވިސްނުމަށް ނުގެވޭނެވަރުގެ ޝަރަފާއި ކަރާމާތާއި ޤަދަރުވެރި ރެއެކެވެ. ކުރިއަށް މި އޮތީ ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކެވެ. އެންމެ ދިހަ ރެއެވެ، އެ ރޭތަކުގައި ލައިލަތުލް ޤަދްރިވާނެކަން ކަށަވަރެވެ.