ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރެއްވީ، ވަކި ފަރުދަކު ތަފާތު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވައި، އެ ވައުދު ރައްޔިތުންނަށް ވަމުންނެވެ.
އުމްރާނީ ތަރައްގީއާއި، އެހެނިހެން ޒަރޫރީ ބޭނުންތައް ވެސް، އެއް ހަމައެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ފޮނި ހުވަފެންތައް ދައްކަވަމުންނެވެ.
ތެދެކެވެ. މި ސަރުކާރުން އަތޮޅުތެރޭގައި ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައިވެއެވެ. އެފަދަ އެތައް މަޝްރޫއެއް ހިނގަމުން ވެސް އެބަ ދެއެވެ. "އަންނަނީ އަންނަނީ"ގައި ވެސް އެފަދަ މަޝްރޫޢުތަކެއް އެބަހުއްޓެވެ.
އެހެންނަމަވެސް، އެކަކު ވެސް ދެބަސް ނުވާނެ އެއް ހަގީގަތެއް އެބައޮތެވެ. މި ސަރުކާރުން ވަނީ، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން ހިންގާ، އަރަބިއްޔާ ސްކޫލާއި އެ ސުކޫލުގެ ދަރިވަރުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައެވެ.
ކުރުކޮށް ބުނާނަމަ އެއީ ބާކީކޮށްލާފައިވާ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެކެވެ.
އެންމެފުރަތަމަ ކުރިމަތިވީ، އެއްވެސް ރައްކާތެރިކަމެއް ނެތި، ބިރުވެރި މާހައުލެއްގައި ބޮލަށް ވެއްޓެން ކައިރިވެފައިހުރި އިމާރާތެއްގައި އެކުދިންނަށް ކިޔަވައިދެމުންދިޔަ މައްސަލައެވެ. އެއީ 2021 ވަނަ އަހަރުގެ ފަހުކޮޅެވެ.
ފާރުތަކުގައި ރެނދުލައި، އެ އިމާރާތުގައި ދަރިވަރުން ކިޔެވުން އެއީ އެ ދަރިވަރުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށް ބުނެ އެ ދަރިވަރުންގެ ބެލެނިވެރިން އިހްތިޖާޖު ވެސް ކޮށްފައިވެއެވެ. މި މައްސަލަ ބޮޑުވެ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކުރިއިރު، އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއީ ސަރުކާރުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
އެހެންނަމަވެސް އެއީ 2013 ވަނަ އަހަރު ހުޅުވި އިމާރާތެއްކަމުން، ސްކޫލުގެ އިމާރާތައް މާގިނަ ދުވަސްތަކެއް ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސުވާލަކީ، އިއްޔެ ހުޅުވިޔަސް، މިއަދު ހުޅުވިޔަސް، އިމާރާތް ބަލިވެ، ދަރިވަރުންނަށް އެކަމުގެ ނުރައްކާ އޮތްއިރު އެއީ ހަމަ އެހާ އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެތޯ، މިއީއެވެ.
ކޮންމެއަކަސް މިކަމުގެ ޝަކުވާތަކާއެކު ދަރިވަރުންގެ ބެލެނިވެރިން ޓަކި ނުޖަހާ ދޮރެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިކަމުގައި ވެސް އެތައް ދުވަހެއް ފާއިތުވީފަހުން، އެކުދިންނަށް ވަގުތީ ބޯހިޔާވަހިކަމެއްގެ ގޮތުގައި، ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތް ހަމަޖެއްސިއެވެ.
ބާ ޖަމާލުއްދީނުގައި އަރަބިއްޔާގެ އައު އިމާރާތެއް އަޅާދޭނެކަމުގެ ހުވަފެންތައް ދައްކަމުންނެވެ. އެ ހުވަފެންވެސް ބިލާހަކަށްވަނީކަމުގެ އިހުސާސް ބެލެނިވެރިންނަށް ކުރެވެން ފެށިއެވެ. މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވެސް އެ ބިން ސާފުކޮށް ވެސް ނުނިމޭތީ އެކަމުގެ ކަންބޮޑުވުންތައް އަރަބިއްޔާގެ ބެލެނިވެރިން ހިއްސާކުރެއްވިއެވެ. ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ނިންމަން ބުނި އިމާރާތް، ދައުރު ނިމެން ހަ މަސް ދުވަހަށްވި އިރު، ކުޑަމިނުން ބިންގާ ވެސް އަޅާލެވިފައި ނުވާތީއެވެ.
ކުދިންނަށް ކިޔަވައިދޭން އެކަށީގެންވާ ގޮތަށް ބައެއް ބަދަލު ގެނެސް އެ އިމާރާތައް ދަރިވަރުން ބަދަލުކުރިއިރު، އެ އިމާރާތުގައި ވެސް އެކަށީގެންވާ ވަސީލަތްތައް ނެތްކަން ފާހަގަކޮށްލެވެއެވެ. ކުޑަމިނުން، ފިޒިކަލް އެޑިއުކޭޝަންއަށް ބޭނުންކުރާނެ ޖާގައެއް ވެސް ނެތެވެ. އިންޓަރ ސްކޫލް މުބާރާތްތަކުގެ ފަރިތަކުރުންތައް ވެސް އެކުދިން ކުރިއަށް ގެންދަން ޖެހުނީ ހަނި ގޯޅިގަނޑެއް ފަދަ ތަނެއްގައެވެ.
މިކަމުގައި ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެފައިވާއިރު، މިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވަނީ، 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވޭނެކަމަށް ވިދާޅުވެފައެވެ.
އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލްގައި އިތުރު އިމާރާތެއް އެޅުމަށް ސަރުކާރުން ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
168 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. ދެ އިމާރާތުގެ މަސައްކަތް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނަށް ދީފައިވަނީ 420 ދުވަހުގެ މުހުލަތެކެވެ. އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށް، ހަތަރު ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އަހަރެއްހާ ދުވަސް ފަހުން އައު އިމާރާތަކަށް ބަދަލުވެވޭނެކަމުގެ އުއްމީދުގައި ދަރިވަރުންނާއި ބެލެނިވެރިން ތިބި ނަމަވެސް، ކަންބޮޑުވާ އެހެން ކަމެއް ވެސް އެބައޮތެވެ.
އަނެއްކާވެސް ދައްކަން އޮތީ އިހުމާލެއްގެ ވާހަކައެވެ. މިފަހުން އަރަބިއްޔާ ސްކޫލް ކުދިން ކިޔަވަމުންދާ އިމާރާތުގެ ކުރިމަތީގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރާއެކު ބެލެނިވެރިއަކު ބަންޑުންކޮށްލި ޝަކުވާތަކެއް ހިއްސާކޮށްލާނަމެވެ. އެ ބެލެނިވެރިޔާ ބުނި ގޮތުގައި، އެހެން ސްކޫލްތަކުގެ ކިޔެވުން ކޮންމެ ދުވަހަކު ވެސް ފެށޭ ގަޑި އަދި ނިމޭގަޑީގައި އެ ސަރަހައްދެއްގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ތިބި ނަމަވެސް، އަރަބިއްޔާ ސްކޫލް ކައިރީގައި އެފަދަ ކަމެއް ނުހިނގައެވެ. ނުވިތާކަށް، އެ ސްކޫލުގެ ދޮރާ ދިމާލުގައި ކުޑަމިނުން ކަފިހި ހުރަސް ނުވަތަ "ޒިބްރާ ކްރޮސް" އެއްވެސް ނެތެވެ.
މި ޝަކުވާ އެ ބެލެނިވެރިން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާކަން ބެލެނިވެރިޔާ ހިއްސާކުރިއެވެ. އެ ސްކޫލް ހުންނަނީ މާލޭގެ ރިންގް ރޯޑުގައި، ފެރީ ޓާމިނަލެއްގެ ކައިރީގައި ކަމަށްވާއިރު، އެއީ ބާރުބޮޑުވާނެ ސަރަހައްދެއްކަން ފާހަގަކޮށް، އެ ސަރަހައްދުގައި ގަވައިދުން ފުލުހުން ހަރަކާތްތެރި ނުވަނީ ކީއްވެތޯއާއި، އެތަނުގައި ޒިބްރާ ކްރޮސްއެއް އަޅައިދިނުމަށް އެދޭތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް، އެވަރު ވެސް ކޮށް ނުލެވިގެން މިއުޅެނީ ކީއްވެތޯ ބެލެނިވެރިއާ ވަނީ އަހާފައެވެ.
ކޮންމެއަކަސް، އަރައްބިއްޔާ ސްކޫލާއި އެ ސްކޫލުގެ ދަރިވަރުންނާމެދު މި ސަރުކާރުން އިހުމާލުވަމުން އަންނަ ވާހަކަ ނުދައްކާ ހަފްތާއެއް ނުދާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ހަމަހަމަ ފުރުސަތުތަކެއްގެ ތެރެއިން ތައުލީމު ހޯދުމުގެ ފުރުސަތު ކޮންމެ ދިވެހިރައްޔިތަކަށް ވެސް ޤާނޫނުއަސާސީން ލިއްބައިދޭއިރު، އަރަބިއްޔާގެ ދަރިވަރުންނަށް އެފަދަ ފުރުސަތުތަކެއް ނެތްކަމީ، އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އިންތިހާ މާޔޫސްކަން ގެނުވާ ކަމެކެވެ.