ކޮވިޑް-19ގެ ސަބަބުން ތުއްތު ކުއްޖަކު އެނދުމަތި ކޮށްގެން ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންދަނީ ދެ މަހުގެ ދެ ކުދިންނަށާއި އެއް އަހަރުގެ ކުއްޖަކަށް ކަމަށެވެ. ފަރުވާދެމުންދާ އެއް އަހަރުގެ ތުއްތު ކުއްޖާއަށް ކޮވިޑްގެ ސަބަބުން ފިޓްވެސް ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ކޮވިޑުގެ ސަަބަބުން ނިއުމޯނިއާއި ފިޓް ޖެހުމުގެ ސަބަބުން ތުއްތުކުދިން އެދުމަތިކޮށްގެން ފަރުވާދޭންޖެހޭކަމަށެވެ.
ފައިސަލް ވަނީ ކުޑަކުދިން ކޮވިޑުން ރައްކާތެރިކުރުމަށް ވެކްސިން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވެސްވަނީ ގޮވާލާފައެވެ.
އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 2 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް 84 މީހަކުވަނީ ކޮވިޑަށް ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 17 މީހަކަށް ވަނީ އެނދުމަތިކޮށްގެން ފަރުވާދީފައެވެ.
މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 185،894 އަށް އަރާފައިވާއިރު، އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 311 އަށް އަރާފައެެވެ.