ސޫދާންގެ ވެރިރަށް ޚަރްތޫމްގައި، ޕެރަމިލިޓަރީ ގްރޫޕެއްގެ ހަނގުރާމަވެރިންނާއި، ސޫދާން ސިފައިންނާ ދެމެދު ވަރަށް ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން އެބަގެންދެއެވެ.

ދެފަރާތުން ހަމަލާތައް ބަދަލުކުރަމުންދާއިރު، ބައެއް ހިސާބުތަކުގައި ބޮންތައްވެސް ގޮއްވާލާފައި ވެއެވެ.

ސޫދާން ސިފައިންގެ އަސްކަރީ މަތިންދާ ބޯޓުތަކުން ބައެއް އިމާރާތްތަކަށް ބޮންއަޅާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސޫދާންގައި ނުފޫޒުގަދަ ޕެރަމިލިޓަރީ ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯރސަސްގެ ހަނގުރާމަވެރިން ހަމަލާތައް ދޭން ފަށާފައިވަނީ، ސޫދާންގެ ސަރުކާރު، އަސްކަރީ ބަޣާވާތަކުން އިންގިލާބު ކޮށްލުމަށެވެ.

މި ގްރޫޕްގެ އިސް ވެރިޔަކަށް ހުރީ ޖެނެރަލް މުހަންމަދު ހަމްދާން ޑަގަލޯއެވެ.

އެމީހުންގެ ފުރަތަމަ ހަމަލާތައް އަމާޒުކުރީ، ޚަރްތޫމްގައި ހުންނަ ސީދާން ސިފައިންގެ މައި ބޭހަށެވެ. އޭގެފަހުން، ސޫދާންގެ އެކި ހިސާބުތަކުގައި ހުރި ސިފައިންގެ ބޭސްތަކަށް އެމީހުންގެ ހަމަލާތައް އަމާޒުކުރިއެވެ.

މުޅިން ކަށަވަރުނުވާ މައުލޫމާތުތައް ބުނާގޮތުގައި، ހަނގުރާމަވެރިން މިހާރުވަނީ ސޫދާންގެ ރިޔާސީ ގަނޑުވަރާއި، ސިފައިންގެ ވެރިޔާގެ ގެކޮޅާއި، އަދި ވެރިރަށަށް ނިސްބަތްވާ ޚަރްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ހިފާފައެވެ.

އެކަމަކު، ސޫދާން ސަރުކާރުގެ ޖެނެރަލް އިންޓެލިގެންސް ސަރވިސްއިން ބުނެފައިވަނީ، ހަނގުރާމަވެރިންނަށް ރިޔާސީ ގަނޑުވަރު ނުހިފޭ ކަމަށާއި، އެމީހުން ހަދަނީ ދޮގު ކަމަށެވެ.

ރެޕިޑް ސަޕޯޓް ފޯރސަސްއިން ބުނެފައިވަނީ، ސޫދާންގެ އުތުރުގެ މެރޯވީ ސިޓީއާއި، ދެކުނުން އަލް އުބައިދް ސިޓީގެ އެއަރޕޯޓްވެސް މިހާރު އޮތީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

ސޫދާން ސިފައިން ބުނެފައިވަނީ، އެމީހުން ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދައަށް ހަމަލާތައް ދެމުންގެންދާ ކަމަށެވެ.

ސޫދާން ސިފައިންގެ މަތިންދާ ބޯޓުތަކާއި، ހެލިކޮޕްޓަރުތައް އުދުހޭ މަންޒަރު ފެންނައިރު، އާންމުން ބިރުން ފިލަން ދުވާ މަންޒަރު ފެންނަ އެތައް ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ސޫދާން ސިފައިންނާއި، ރެޕިޑް ސަޕޯޓް ފޯރސަސްގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ބަދަލުކުރަން މިފެށީ، މަސްރަހް ވަރަށް ނުތަނަވަސްވެފައި އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ.

ހަނގުރާމަ ފެށުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ގެންދަނީ، ސޫދާންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ރައްކާތެރިވުމަށް އިލްތިމާސް ކުރަމުންނެވެ.

އެފްރިކަން ޔޫނިއަނުން ނެރުނު ބަޔާނެއްގައި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ވެއެވެ. މިކަމުގެ ސަބަބުން ސޫދާންގެ ހާލަތު އިތުރަށް ނިކަމެތިވެ، ދެރަ ލިބޭނީ ރައްޔިތުންނަށް ކަމަށްވެސް ބުނެފައި ވެއެވެ.