ހުޅުމާލޭގައި ރަހުމްކުޑަގޮތަކަށް، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި، އޭނާގެ ގާތިލު އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދިގުމިނުގައި ހަ އިންޗި ހުރި ވަޅިއަކުން ހަމަލާދީ އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަން މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ވެސް ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އުމުރުން 59، ގާސިމް މަރާލި މައްސަލައިގައި، އަދުހަމްވަނީ މީގެކުރިން ކުށަށް އުއުތިރާފު ވެސް ވެފައެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި، މި ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުންކަމަށް ބުނެ ފަހުން އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ވަނީ، އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމާއި ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފޭރިގެން އެކަން ކުރުމަށް ރާވަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް އަދުހަމްގެ ދިފާއީ ވަކީލު ވަނީ ގަސްތުގައި އޭނާ މީހަކު މެރުމުގެ ނިޔަތް ނެތްކަމަށާއި ނިޔަތް އޮތީ ފޭރުމަށްކަމަށް ބުނެފައެވެ.