ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އާންމުކުރި ފޮޓޯއަކާ ގުޅިގެން، ކުރީގެ ރައީސް، ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ޒައީމް، އަދި ރާއްޖޭގެ ވެރިކަން އެންމެ ގިނަ ދުވަހު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ފާޑުކިޔުން އަމާޒުވެފައިވަނީ، މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެންއައިސީން ބޭއްވި ހާއްސަ އެސެމްބްލީއަށްފަހު އެސެމްބްލީގެ ބައިވެރިން ނަގާފައިވާ ފޮޓޯއަކާ ގުޅިގެންނެވެ.
މި ފޮޓޯ ހިއްސާކޮށް އެންއައިސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މި އަހަރުގެ ދިވެހި ބަހުގެ ޝިޔާރަކީ "ދިވެހިބަހަށް ލޯތްބާއި އިސްކަން ދެމާ!" މިއީ ކަމަށެވެ.
މި ފޮޓޯގައި ދިވެހިބަހުގެ އެކެޑެމީގެ ގަވާއިދު ކޮމިޓީގެ މެމްބަރު އާދަމް ނަސީރު ހިމެނިވަޑައިގަންނަވާހެން އިތުރު ދެ ފިރިހެން ބޭފުޅުން ސޯފާއެއްގައި އިށީނދެވަޑައިގެން އިންނަވާއިރު، ފަހަތުގައި އަންހެން ބޭފުޅުންތަކެއް ކޮޅަށް ތިއްބަވައެވެ. އަދި އަންހެން ބޭފުޅުންގެ ފަހަތުގައި ހަތަރު ފިރިހެން ބޭފުޅުން ވެސް ތިއްބެވިއެވެ.
މި ފޮޓޯއަށް ކޮމެންޓު ކުރައްވައި ރައީސް މައުމޫން ކުރެއްވަމުން ރައީސް މައުމޫން ވަނީ، ފިރިހެން ބޭފުޅުން އިށީނދެވަޑައިގެން އަންހެން ބޭފުޅުން ކޮޅަށް ތިއްބެވުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ތާލިބާން އުސޫލުތޯ ސުވާލުކުރައްވާފައެވެ.
ރައީސް މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަދައްކަމުން އަންނައިރު، އެ ފޮޓޯގައި ފިރިހެން ބޭފުޅުންތަކެއް ކޮޅަށް ތިއްބެވި މަންޒަރު ރައީސް މައުމޫނަށް ފެނިވަޑައިނުގަންނަވަނީތޯ ވެސް ބައެއް ފަރާތްތަކުން އަންނަނީ އަހަމުންނެވެ. އަދި ހަމައެކަނި އަންހެން ބޭފުޅުންތަކެއް ކޮޅަށް ތިބުމުން އެވާހަކަ ދެއްކުމުގެ ބަދަލުގައި، "ބޮޑެތި މީހުން އިށީނދެގެން" ތިބިވާހަކަ ދެއްކުން މާ ރަނގަޅުކަމަށް ވެސް، ރައީސް މައުމޫނުގެ ކޮމެންޓަށް ރައްދުދިން ބައެއް މީހުން ބުނެއެވެ.