"ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވުމުން، ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެކަން ދޮގުކޮށްފިއެވެ.

"ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި ކަމަށް "ދިޔަރެސް" ކިޔާ ރާއްޖޭގެ ނޫހަކުންވަނީ ރިޕޯޓުކޮށްފައެވެ. ޕީޖީގެ އޮފީހުން ބުނީ އެއީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެދިގެން ޕީޖީ ހުސައިން ޝަމީމްވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މިއަދުގެ އެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ދެންނެވިއެވެ.

ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެއް ކަމަށް ޕީޖީގެ އޮފީހުން ބުނެ

އެވެ. އެކަމަކީ އެއޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން އެއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ވެސް ވަނީ ބުނެފައެވެ.

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައެވެ. އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ސައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެކެވެ.

މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެކެވެ. ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސް ކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، އެ އިދާރާއަށް ހުށަހެޅުމަށް ޕީޖީގެ އޮފީހުންވަނީ އެދިފައެވެ.