މެލޭޝިޔާގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ގިނަވެ، އާންމުން އަލުން މާސްކްއަޅަން ފަށަން ސިއްހީ ތަޖުރިބާކާރުން އިރުޝާދުދީ ބާރުއަޅަން ފަށައިފިއެވެ.

މެލޭޝިޔާ ސަރުކާރުން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ބުނާގޮތުން، އޭޕްރީލް 8 އިން ފެށިގެން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 87.5 އިންސައްތައަށް މައްޗަށް ގޮސްފައި ވެއެވެ.

އެ މުއްދަތުގެ ތެރޭގައި، ބަލީގެ ހާލަތު ބޮޑުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި މީހުންގެ އަދަދު 30.5 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުވަނީ 25 އިންސައްތަ މައްޗަށް ގޮސްފައެވެ.

މެލޭޝިޔާގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 13،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެސޯސިއޭޝަން އޮފް ޕްރައިވެޓް ހޮސްޕިޓަލްސް އިން މެލޭޝިޔާއިން މިއަދު ނެރުނު ބަޔާނެއްގައި، މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ދާއިރު މާސްކް އަޅަން އާންމުންނަށް އިރުޝާދުދީ ހިތްވަރު ދީފައި ވެއެވެ.

އަދި ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި، ރައްކާތެރި އެހެން ފިޔަވަޅުތައް އެޅުމަށްވެސް އާންމުންނަށް ގޮވާލާފައި ވެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، އެކަމާ ކުރިމަތިލުމަށް ސަރުކާރާއި އަދި އަމިއްލަ ހޮސްޕިޓަލްތައްވެސް ފުރިހަމަ ޔަގީންކަމާއެކު ތައްޔާރަށް އޮތްނަމަވެސް، އެއީ، އާންމުން ބައްޔާމެދު ފަރުވާކުޑަ ކުރަންޖެހޭ ސަބަބެއް ނޫންކަމަށް، އެސޯސިއޭޝަން އޮފް ޕްރައިވެޓް ހޮސްޕިޓަލްސްގެ ރައީސް ޑރ. ކުލްޖީތު ސިންގް ވިދާޅުވިއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ޑރ. ޒާލިހާ މުސްތަފާ:

މެލޭޝިޔާގައި މިދިޔަ ހަފްތާގައި ފާހަގަކުރި ޚާއްސަ ދުވަސްތަކާ ގުޅިގެން، މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމަށް މެލޭޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. ޒާލިހާ މުސްތަފާވެސް އާންމުންނަށް ގޮވާލެއްވިއެވެ.

ޕަބްލިކް ހެލްތު އޮގަނައިޒޭޝަން މެލޭޝިޔާގެ އެޑްވައިޒަރ ޑރ. ޒައިނަލް އާރިފީން އުމަރު ވިދާޅުވީ، ޚާއްސަކޮށް ހައި ރިސްކް ގްރޫޕްތަކުގެ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮވިޑަށް އަމިއްލައަށް ޓެސްޓްކުރުމާއި، އަމިއްލައަށް ކަރަންޓީނުވުން ފަދަ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.

މެލޭޝިޔާގައި މިހާރު މާސްކް އަޅަން މަޖުބޫރު ކޮށްފައިވަނީ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތާއި، ސިއްހީ ޚިދުމަތް ހޯދަން ހޮސްޕިޓަލްތަކަށް ވަންނައިރުއެވެ. މީގެއިތުރުން، ކޮވިޑް ޕޮޒިޓިވްވެފައިވާ މީހުންވެސް މާސްކް އަޅައިގެން އުޅުން މަޖުބޫރެވެ.