އެމްއެންޑީއެފް ކޯސްޓްގާޑު "ޝިޕް ހުރަވީ"ގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދިން އުޅަނދު ރާއްޖެ އަތުވެއްޖެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނީ، އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ 2 އަހަރަކުން ތަކުރާރުކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގައެވެ. މިގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން މިއުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި މަރާމާތުކޮށްފައިވާ ކަމަށެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި އެމްއެންޑީއެފުން ފާހަގަކުރެއެވެ. ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި ހަދިޔާކުރި މި އުޅަނދަކީ، މި މަސައްކަތުގައި ސަރުކާރަށް އިންޑިއާއިން ވެދިން ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ވެސް އެމްއެންޑިއެފުން ފާހަގަކުރެއެވެ.
އިންޑިއާ ސަރުކާރުން ދިން މި އުޅަނދު، މިދިޔަ ހޮނިހިރު ދުވަހު މާލެ އައިސްފައިވާއިރު، މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން އަންނަ މެއި މަހުގެ ތެރޭގައި މި އުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި، ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފުން ހާމަކުރެއެވެ.
މިފަހަރު އިންޑިޔާއިން ހަދިޔާކުރި އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، ފަހުގެ އުޅަނދެއްކަމާއި މި އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަންކުރެވޭނެކަން ގައުމީ ދިފާއީ ބާރުން ހާމަކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވަނީ، އެ ގައުމުގެ ނޭވީއިން ބޭނުންކުރި "އައިއެންއެސް ޓަރްމުގްލީ" އުޅަނދެވެ. މިއީ ތިލަ ސަރަހައްދުގައި ވެސް، ބާރު ދުވެލީގައި ދުއްވުމުގެ ގާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދު ލޯންޗުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
އަދި މި އުޅަނދު އެ ގައުމުގެ އަސްކަރިއްޔާގެ އުޅަނދެއްގެ ގޮތުގައި ކޮމިޝަން ކޮށްފައިވަނީ، 2016 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުގައި ކަމަށް މައުލޫމާތުލިބެއެވެ.
ތެލުގެ ޚަރަދު ކުޑަ، ދިގުމިނުގައި 48 މީޓަރު ހުންނަ މި އުޅަނދަކީ، ގަޑިއަކު 56 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމުގެ ގާބިލުކަންހުރި އުޅަނދެއްކަމަށް މައުލޫމާތުލިބެއެވެ.
އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުވެސް ވަނީ އުޅަނދެއް ހަދިޔާކޮށްފައެވެ. އެއީ ސީޖީ ކާމިޔާބު އެވެ.