"އަހަރެމެން ޝުކުރުކުރަން ބަހުގެ ހިދުމަތް ފޯރުކޮށްދޭތީ. އެކަމަކު މިކަން ތަންކޮޅެއް ހަރުދަނާވާން އެބަޖެހޭ. ދެވަނަ ފިޔަވަހީގައި އުޅޭތީ ކޮންމެ ދުވަހަކު މިކަމުން ތަކުލީފު އުފުލަން އެބަޖެހޭ."

ސިނަމާލެ ބްރިޖާއެކު މާލެ ސަރަހައްދުގައި އެންމެ ހަލުވި މިނުގައި އާބާދުވަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތަކުން އޭނާގެ އުދާސްތައް ބޭރުކޮށްލީ މި ޖުމްލައިންނެވެ.

މާލެ ސަރަހައްދަށް އަންނަމުންދާ ތަރައްގީގެ ކުރިއެރުމުގައި ދަތުރުފަތުރުގެ ނިޒާމަކުން މި ސަރަހައްދު ގުޅާލުމުގެ އަމާޒު ހިފައި ސަރުކާރު ހިއްސާވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީން ބަހުގެ ހިދުމަތް ދޭންފެށީ ރައްޔިތުންގެ ޖީބަށް ލުއިކޮށް، އަވަސް އަދި ރައްކާތެރިގޮތެއްގައި ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ ފަހި ފުރުސަތުތަކެއް ހޯދައިދޭން ކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތާމެދު އާންމުންގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން އަންނައިރު އެ ސަރަހައްދަށް އެމްޓީސީސީން ބަހުގެ ހިދުމަތް ދެމުންއަންނަ ގޮތާމެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވިއިރު ދޭންޖެހޭ ޒަރޫރީ އަދި އަސާސީ އެތައް ހިދުމަތްތަކެއް ފުރިހަމަވެފައި ނެތްކަމަށް ބުނެ މި ސަރުކާރުން "ބޮޑާހޭކިއިރު"، މިކަމަށް މިއަދާ ހަމައަށްވެސް އެމްޓީސީސީންނާއި ސަރުކާރުން ވެސް ހައްލެއް ގެނެސްދީފައިނުވާއިރު މިކަމަށް ހައްލު ގެނައުމަށް ކުރަން ރާވާފައިވާ އެންމެ މަސައްކަތެއްވެސް މީޑިއާ ނުވަތަ އާންމުންނާ ހަމައަށް ތިލަކޮށްފައެއް ނުވެއެވެ.

މާލެއަށް ބަލާއިރު ބަސް ދަތުރުތައް ކޮންމެ ހަތަރުއަނގޮޅިއަކުން ކޮންމެ މިނެޓަކުން ކަހަލަ ގޮތަކަށް ވަނީ އިންތިޒާމުވެ ތަރުތީބުވެފައެވެ. މާލެއަށް ހިދުމަތްދޭ ބަސްތައްވެސް އަދަދުގެ ގޮތުން ގިނައެވެ. ސުވާލަކީ މި ބަސްތަކުގެ ހިދުމަތް އޭގެ އެންމެ އެދެވޭގޮތުގައި ހިފޭނީ ދެވަނަ ފިޔަވައްސައް ބަހުގެ ހިދުމަތް ދެވިގެންތޯ ނުވަތަ މާލޭގައި ބަސްދަތުރުތައް އަދިވެސް ފުޅާކުރެވިގެންތޯއެވެ.

ކޮންމެއަކަސް މާލޭގައި ދެމުންދާ ބަހުގެ ހިދުމަތައްވެސް ރައްޔިތުންގެ ފަރާތުން ޝަކުވާތައް އޮއްސާލަނީ މަދެއްކޮށެއްނޫނެވެ. ބަސްދަތުރުކުރާއިރު މަގުގެ ޓްރެފިކަށް އަންނަ ބަދަލުގެ ސަބަބުން ޓްރެފިކް ކިޔޫގައި އެތައް އިރަކު މަޑުކުރަންޖެހެނީ މަދެއްކޮށެއް ނޫނެވެ. މިކަމާއެކު މި ބަސްތަކަކީ މާލޭގެ ދެފޫޓް ތިންފޫޓް މަގުތަކަށް އެކަށޭނަގޮތަކަށް ފަރުމާކުރެވިފައިވާ ބަސްތަކެއްތޯ އާއްމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ދެވަނަ ފިޔަވަހި ސަރަހައްދުގައި 8 ސުކޫލަކާއި 4 ޕްރީސްކޫލު އަޅަން ހިތުގައި އެބައޮތްކަން ސަރުކާރުން ހާމަކުރިނަމަ ވެސް، ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ހުވަފެން ހަގީގަތަކަށްވެ އެޅިފައިވަނީ އެންމެ ސުކޫލެކެވެ. ޓިނުޖަހައިގެން ހަދާފައިވާ އެންމެ 824 ކުދިންގެ ޖާގައިގެ މި ސުކޫލަކީ އާބާދީ ބޮޑު ދެވަނަ ފިޔަވައްސަށް ހަމަ އެންމެ އެކަށީގެންވާވަރުގެ ސުކޫލެއްތޯ ސުވާލު އުފެދެއެވެ. އަދި ސުކޫލުގައި ގާއިމްވެފައިވާ ވަސީލަތްތަކަކީ މާދުރު އެހެން ސުކޫލަކަށް ނުގޮސް ދަރިވަރުންނަށް ހިފަހައްޓާލެވިދާނެ ވަސީލަތްތަކެއްތޯ ވެސް ސުވާލު އުފެދެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ސުކޫލު ކުދިންނަށް ހާއްސަ ބަހެއް އެކަށައަޅައި އެ ހިދުމަތް އަދިވެސް ސަރުކާރުން ފޯރުކޮށް ނުދިނުމުގެ ޝަކުވާއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ސުކޫލަށް އައިސްގޮސްވާ ދަރިވަރުން މިހާރު ބޭނުންކުރަންޖެހެނީ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ބަސްތަކެވެ. އާއްމުންނާއެކު ބޭނުންކުރާ މި ބަސްތަކަކީ 80 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މިކަމުގެ ސަބަބުން އެތައް ތުރާލަކާއި ވޭނެއް އެދަރިވަރުންނާއި ބެލެނިވެރިން ދަނީ އުފުލަމުންނެވެ.

ހުސް ޝަކުވާއެވެ. ބަސްތައް ގަޑިއަށް ނައުމާއި ބަސް ކިޔޫ ހަދާނެ ރަނގަޅު އިންތިޒާމުތަކެއް ކަނޑައެޅިފައިނެތުމެވެ. ބަހުގެ ތެރޭގައި ކުޑަކުދިން ކޮޅަށް ތިބެން ޖެހުމުގެ މައްސަލައެވެ. އަރަންވީ ނާރަންވީ ކޮންބަހަކަށްކަން ނޭނގި ބައެއް ދުވަސްދުވަހު ބަސް ފުލްވުމުގެ ސަބަބުން ދަރިވަރުން ގަޑިޖެހިގެން ސުކޫލަށް ހާޒިރުވާންޖެހޭ މައްސަލައެވެ. ބަހަށް އިންތިޒާރުކުރަން ހޭދަވާ ވަގުތެވެ. ޑިމާންޑާ އެއްވަރަށް ބަސް އިތުރުވެގެން ނުދާ މައްސަލައަކީ ވަކިން ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ހުސްވި އަހަރުގެ ޖޫންމަހު ބަހުގެ ހިދުމަތް އެ ސަރަހައްދަށް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ސަރުކާރުގެ ބޭފުޅުން ފޯރީގައި ދެއްކެވީ ޕީކް ގަޑިތަކުގައި ކޮންމެ 15 މިނިޓަކުން ބަސްދަތުރު އޮންނާނެކަމުގެ ވާހަކައެވެ. ކޮންމެ އެއްގަޑިއިރުން އެއާޕޯޓަށް ބަސް އޮންނާނެކަމުގެ ވާހަކައެވެ. އެކަމަކު މި ރަސްމިއްޔާތުގައިވެސް ސުކޫލު ކުދިންނަށް ވަކި ބަހެއް ކަނޑައަޅައިދިނުމުގެ ވާހަކައިގެ ހިލަމެއްވެސް ނުވެއެވެ.

ބަހުގެ ހިދުމަތް ދިނުމުގައި އެމްޓީސީސީގެ ސާފު ތަސައްވުރެއް އޮތްނަމަ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ސުކޫލު ދަރިވަރުންނަށް ވަކިން ބަހުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ. އެހެންނަމަވެސް މި މައްސަލައިގައި ފަހަތުފަޔަށް ބުރަވެ ރޯދަމަހެއް ނިމިދިޔަ އިރުވެސް އެމްޓީސީސީން ހަނު ހުރުމަކީ ރައްޔިތުން ކަންބޮޑުވާކަމެކެވެ. މި ދައްކަނީ އެއްގޮތަކުން ބަލާއިރު ކުޑަކުދިންތަކަކަށް ސަރުކަރުން ފޯރުކޮށްދެންޖެހޭ ހައްގެއްގެ ވާހަކައެވެ. އެމްޓީސީސީއަށް އެކުދިން އެ އުފުލާ ބުރަ ތަސައްވުރު ނުކުރެވުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. މިކަމާއެކު ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ހިދުމަތް ދިނުމުގައި އެމްޓީސީސީ ފެއިލްވެއްޖެއޭ ނުބުނެވޭނެ ހެއްޔެވެ.