ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، "ވީނިއުސް"ގެ އަހުލުވެރިންނަށާއި މުޅި އިސްލާމީ އުންމަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާއި ވީމީޑިއާގެ މުޅި ޓީމުގެ ފަރާތުން ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމުގެ ފުރުސަތު ލިބިފައިވުމީ މިއަދު އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެކެވެ.

ފިޠްރު ޢީދަކީ މުސްލިމުންގެ ޢީދުތަކުގެ ތެރެއިން ޢީދެއްކަން ދަންނަން ޖެހެއެވެ. އެއީ މާތް ﷲ އެކަލާގެ އަޅުތަކުންނަށްޓަކައި އެދުވަހުގައި އުފާވެރިކަމާއި ބާއްޖަވެރިކަން ލެއްވި ދުވަހެކެވެ. ފިޠްރު ޢީދު ދުވަހަކީ ކޮންމެ ހިޖްރީ އަހަރެއްގެ ޝައްވާލްމަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަސް ނިމިގެން އަންނަ ފުރަތަމަ ދުވަހެކެވެ. މިދުވަހުގައި މުސްލިމުން ރޯދަހިފުން ދޫކޮށްލާތީ “ފިޠްރު” ގެނަމުން އެދުވަހަށް ނަންދެވުނެވެ. މިދުވަހުގައި އުފާ ފާޅުކުރާތީ ފިޠްރު ޢީދޭ ކިޔެއެވެ.

ކީރިތިރަސޫލާ صلى الله عليه وسلم ގެ ސީރަތުގައި ބަޔާންވެގެންވާ ގޮތުގައި މުސްލިމުން ފުރަތަމަ ޢީދެއް ފާހަގަކޮށް އުފާ ފާޅުކޮށްފައިވަނީ ހިޖްރައިން ދެވަނަ އަހަރު އައި ރަމަޟާންމަސް ނިމިގެން އައި ޢީދު ދުވަހުއެވެ. ފުރަތަމައަށް މުސްލިމުން ރޯދަ ހިފަން ފެށީ އެއަހަރުގައެވެ. ފިޠްރު ޢީދު ދުވަހުގައި ރޯދަވެރިޔާއަށް ހަޤީޤީ ދެއުފަލެއް ލިބެއެވެ.

އެއީ ރޯދަ ވީއްލާ ހިނދު ލިބޭ އުފަލާއި އޭނާގެ ރޯދައާއިއެކު އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއާއި ބައްދަލުވާ ހިނދު ލިބޭ އުފަލެވެ.

ފިޠްރު ޢީދު ފެށެނީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސި ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ފެށުމުންނެވެ. ޝަރުޢީ ގޮތުން ފިޠްރު ޢީދު ދުވަހުގެ މުއްދަތަކީ އެންމެ ދުވަހެކެވެ.

މިއަހަރުގެ ފިޠުރުޢީދު ދުވަސް، ހުކުރު ދުވަހަކާ ދިމާވިކަމީ، ޢީދުގެ އުފާ އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެކެވެ. ސަބަބަކީ، އީދު ދުވަހަކީ ނުހަނު ބަރަކާތްތެރި ދުވަހަކަށްވާހިނދު، ހުކުރު ދުވަހަކީ، ހަފްތާގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސް ކަމަށްވާކަމެވެ.

ފިޠުރުޢީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހެކެވެ. ޝުކުރު ކުރުމުގެ ދުވަހެކެވެ. ހަމައެހެންމެ، ޢީދު ދުވަހަކީ ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަސްވެސްމެއެވެ. ހަމައެހެންމެ، ޢީދުގެ މުނާސަބަތަކީ، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބޭ އެހީތެރިކަން ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވުމުގެ މުނާސަބަތެކެވެ. އަދި އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް، ޢާއިލާތަކުގެ މެދުގައި ލޯތްބާއި އަޚުވަންތަ ކަމުގެ ގުޅުން ޤާއިމުކުރުމާއި، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީވެސް، މިފަދަ އުފާވެރި މުނާސަބަތުތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ.

މިފުރުޞަތުގައި ހަނދާން ކުރަންވީ، ފިޠުރުޢީދަކީ އަޅަމެންގެ އީމާންކަން ގަދަކުރުމާއި، ތަޤުވާވެރިކަން އިތުރުކުރުމާއި، އިޞްލާޙުވުމުގެ މާތް މޫސުމަކާ ގުޅިފައިވާ ޢީދެއްކަމެވެ. އަދި މިއީ ޢަމަލުތައް އިޞްލާޙުކޮށް، މުޅި މުޖްތަމަޢު އިޞްލާޙުވުމަށް ލިބިފައިވާ އަގުހުރި ފުރުޞަތެއްކަމެވެ.

މާތްﷲ، މިޢީދުގެ ދުވަސްތަކަކީ އެންމެހާ ދިވެހީންނަށާއި، މުޅި އިސްލާމީ އުންމަތަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ! އަޅުގަނޑުމެން މިހިފި ރޯދައިގެ ހެޔޮ ދަރުމައާއި ޘަވާބު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާށިއެވެ! އާމީން