ހެޔޮ އަމަލުތަކަކީ އެއްފަހަރު ކޮށްފައި ދޫކޮށްލާ އަމަލުތަކަކަށް ނުހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

"ރަމަޟާންމަހަށްފަހު ހެޔޮ އަމަލުކުރުންމަތީ ދެމިތިބުން" މި މައުލޫއުއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުތުބާގައިބުނީ މުއުމިނުންނަކީ ވަކި މައްސަރެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲ އަށް އަޅުކަންކުރަންޖެހޭ ބައެއް ނޫންކަމަށެވެ. އަދި އަޅުކަމެއް ކުރުމަށްފަހު އެންމެ އިސްކަމެއްދީގެން ކުރަންޖެހޭނެކަމަކީ އެ އަމަލެއް މާތް ﷲ ގެ ހަޒުރަތުގައި ގަބޫލުކުރެއްވުންއެދި ދެންނެވުމާއި އެފަދަ ހެޔޮ އަމަލުތައްމަތީ ދެމިތިބުމަށް ތައުފީގު ދެއްވުންއެދި ދުއާކުރުންކަމަށް ހުތުބާގައި ބުނެދިނެވެ.

ރަމަޟާންމަސް އަހަރެމެންނާއި ވަކިވެގެންދިއައީ ޝައްވާލުމަހުގެ ރޯދައަށް ފުރުސަތު ފަހިކޮށްދެމުންކަމަށާއި އެހެންކަމުން މުޅި އަހަރުދުވަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ތައްޔާރުވުމަށް ހުތުބާގައި ބާރުއެޅުއްވިއެވެ.

" ރަމަޟާންމަހުގެ ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލުމަހު ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ."
ހުކުރު ހުތުބާ

ހުތުބާގައިވަނީ ރަމަޟާންމަހު ހެޔޮކަމުގައި ފަރުވާކުޑަކުރެވުނު ފަރާތްތަކަށް ތައުބާވެ އުޅުން އިސްލާހްކުރުމަށް ނަސޭހަތްތެރިވެފައެވެ.

އަދި މާތް ﷲގެ ހަޒުރަތުގައި އެންމެ ހެޔޮ އަމަލަކީ ކިތަންމެ މަދުން ކުރެވުނަސް ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮކަންކަމުގައި ހުތުބާގައި ބުނެދިނެވެ.

ހުތުބާ ނިންމާލަމުންވަނީ އަހަރެމެންގެ އުއްމީދުކުރާ އަހަރެމެންގެ ފަހު މަންޒިލްކަމަށްވާ ސުވަރުގޭގެ ސިފަތައް ކިޔައިދީ މުސްލިމުން ސުވަރުގެ ހާސިލްކުރުމަށް ޝައުގުވެރިކުރައްވާފައެވެ.