ސައުދީ އަރަބިއްޔާއިން، އެ ގައުމުގެ ފުޓުބޯޅަ ލީގުގައި ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޑީޕޯޓުކޮށްލުމަށް ގޮވައިލައި، އެ ގައުމުގެ ޕަބްލިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް، ސައުދީ ވަކީލެއް ކަމުގައިވާ ނޫފް ބިން އަހްމަދު ބުނެފިއެވެ.

ރޮނާލްޑޯ ޑީޕޯޓުކޮށްލުމަށް މަސައްކަތްކުރާނެކަން ނޫފް ބިން އަހްމަދު ހާމަކޮށްފައި މިވަނީ، މިދިޔަ ބުދަ ދުވަހު ސައުދީ ލީގުގައި، ރޮނާލްޑޯގެ އަލް ނަސްރު، އަލް ހިލާލް އަތުން ބަލިވި މެޗުގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ.

އެގޮތުން އެ މެޗުގައި ރޮނާލްޑޯ ވަނީ، އަލް ހިލާލުގެ ކުޅުންތެރިއެއްގެ ފަހަތުން ބައްދައިގަނެ، ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލާފައެވެ. އަދި އެއަށްފަހު، ބަދުއަހުލާގީ އަމަލެއް ރަމްޒުވާ ގޮތަކަށް ރޮނާލްޑޯ ކަންކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ، މީސްމީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ރޮނާލްޑޯ މިފަދައިން ކަންކޮށްފައިވަނީ، އަލް ހިލާލުގެ ކުޅުންތެރިއާއަށް ފައުލް ކުރުމާ ގުޅިގެން، އެ ޓީމުގެ ސަޕޯޓަރުން ރޮނާލްޑޯއަށް ފުރައްސާރަކުރުމުގެ ގޮތުން، ރޮނާލްޑޯއާ އެންމެ ވާދަވެރި ލިއޮނެލް މެސީގެ ނަން ކިޔަން ފެށުމުންނެވެ.

މެޗަށްފަހު ވެސް ރޮނާލްޑޯ އަލް ހިލާލުގެ ބައެއް ކުޅުންތެރިންނާ ކުރިމަތިލާން މަސައްކަތްކޮށް، ހަމަނުޖެހުމެއް އުފެދިދާނެފަދަ ގޮތަކަށް އަމަލުކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރޮނާލްޑޯގެ މި އަމަލުތަކާ ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ނޫފް، އޭނާގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރިޔާދް ޑާބީގައި އަލް އިއްތިހާދު އަތުން އަލް ނަސްރު ބަލިވި ފަހުން ސަޕޯޓަރުން މެސީގެ ނަން ކިޔަމުން ދިޔަ އަޑު އިވުމުން ރޮނާލްޑޯގެ ފަރާތުން އެ ގައުމުގެ ޤާނޫނާ ޚިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ހައްޔަރުކޮށް، ޑީޕޯޓު ކޮށްދިނުމަށް އެދި ސައުދީ އަރަބިއްޔާގެ ޕަބްލިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާނެކަމަށް ނޫފް ބުނެފައިވެއެވެ.

މިފަދަ އަމަލުތައް އާންމު ތަންތަނުގައި ކުރުމަކީ ސައުދީގެ ޤާނޫނުން މަނާކުރާ ކަމެއްކަމަށާއި، ބިދޭސީއަކު އެ ގައުމުގައި އެފަދަ އަމަލެއްކޮށްފިނަމަ، ހައްޔަރުކޮށް ޑީޕޯޓުކޮށްލުމުގެ ފުރުސަތު ޤާނޫނުން ލިއްބައިދޭކަމަށް ނޫފް ބުނެފައިވެއެވެ.

2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވިފަހުން ރޮނާލްޑޯގެ ކެރިއަރު ފަހަތުފަޔަށް ބުރަވެފައިވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުން އަންނައިރު، ޔޫރަޕު ފުޓުބޯޅަ ދޫކޮށް އޭނާ ސައުދީ ލީގަށް ބަދަލުވެފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހުއެވެ. އޭނާ ސައުދީގެ އަލް ނަސްރާ ގުޅުނީ، މެންޗަސްޓަރ ޔުނައިޓެޑުގެ މެނޭޖްމަންޓާއި، ކޯޗާ މެދު ނުތަނަވަސްވުންތަކެއް އުފެދި، އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ.

މިހާތަނަށް ރޮނާލްޑޮ އަލް ނަސްރަށް ކުޅެދިން 13 މެޗުން 11 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.