ދ. ހުޅުދެލީގައި ފުޓްސަލް ދަނޑެއް ގާއިމުކުރަން ސަރުކާރުން ހަވާލުކުރި މަސައްކަތް ނުފެށި ލަސްވާތީ އެރަށު ޒުވާނުން ރުޅިގަދަވެއްޖެއެވެ.

"ވީނިއުސް"އަށް މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލައިގައި ޒުވާނުން ނުރުހުންފާޅުކުރަމުން އަންނައިރު، އެ ރަށުގައި ދަނޑުއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި، ޒުވާނުން ވަނީ ފަތްކެޔޮގަސް އިންދާފައެވެ. އަދި ރަށުގައި ޒުވާނުން ކުޅެން އެކަށީގެންވާ ތަނެއް ނެތުމުގެ ސަބަބުން މިހާރު އެރަށުގެ ޒުވާނުން އަންނަނީ ރަށު ކައުންސިލްގެ އިދާރާއާ އިންވެގެން އޮންނަ ސަރަހައްދުގައި ފުޓްސަލް މުބާރާތެއް ކުޅެމުންނެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީގެ ބަހެއް ހޯދަން "ވީނިއުސް"އިން ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާގޮތެއް ނުވިއެވެ. އެކަމަކު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ހުޅުދެލި ފުޓްސަލް ދަނޑު ގާއިމުކުރުމުގެ މަޝްރޫއުވަނީ 15 މާރިޗު 2021 ގައި ބަޔަކާ ހަވާލުކޮށްފައެވެ.

އެހެންނަމަވެސް، ހުޅުދެލިން މި ނޫހާ ވާހަކަދެއްކި ޒުވާނަކު ބުނި ގޮތުގައި، ދަނޑުގެ މަސައްކަތް ދެ ފަހަރެއްގެ މަތިން ފަށައިގެންވެސް ޓާފްއެޅުމާ ހަމައަށް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

އެންމެފުރަތަމަ ފަހަރު ކުރިހާވެސް ކަމަކީ ދަނޑުއަޅަން ދިން ބިން ސާފުކުރުމުގެ މަސައްކަތެވެ. އެ ކޮންޓްރެކްޓަރަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން އެހެން ބަޔަކާ ހަވާލުކޮށްގެން ދެވަނަ ފަހަރަށް މަސައްކަތް ފެށިއެވެ. ދެވަނަ ފަހަރުވެސް، ސަބް-ބޭސްގެ މަސައްކަތާއި ފެންސުޖެހުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ނުވެއެވެ.

މިހާރު އަނެއްކާވެސް އެތަން ފެންނަނީ ވިނަގަސް ބޯވެފައި އޮތް ސަަރަހައްދެއްގެ ގޮތުގައެވެ. ފެންސުތައް ވެއްޓި މިހާރު އެސަރަހައްދަކީ އިންސާނުން ގޮސް އުޅެން އެންމެ ރައްކާތެރި ސަރަހަދެއްކަމަށް އެރަށުގެ ޒުވާނުން ނުދެކެއެވެ.

ފޯނަށް ޖަވާބުނުދެއްވާތީ ހުޅުދެލި ކައުންސިލްގެ ބަހެއްވެސް މިކަމާ ގުޅޭގޮތުން ލިބޭގޮތްވަނީ ނުވެފައެވެ.