ޑިއުޓީގައި ހުއްޓާ ނަމާދު ވަގުތު ޖެހުމުން ކަންތައް ކުރާނީ ކިހިނެއްތޯ، މިއީ ގިނަ ބައެއްގެ ހިތުގައި އަދިވެސް އުފެދެމުންދާނެ ސުވާލެއްކަން ގައިމެވެ.

ވަޒީފާގައި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ސަބަބުން، ވަގުތަށް ނަމާދު ނުކުރެވުމާއި، މިސްކިތަށް ނަމާދަށް ނުދެވުމުގެ ކަންބޮޑުވުމަކީ ގިނަބަޔަކު އަދިވެސް ހިއްސާކުރާ ކަންބޮޑުވުންތަކެކެވެ.

ޑިއުޓީގައި ހުއްޓާ ނަމާދު ވަގުތު ޖެހުމުން ނަމާދުކުރަން މިސްކިތަށް ދާނީތޯ ނޫނީ އެހުރި ތަނެއްގައި ނަމާދުކުރާނީތޯ މިއީ އުފެދިދާނެ ސުވާލުތަކެވެ. މިސުވާލު ތަފްސީރު ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފްއާ ކުރުމުން ދެއްވި ޖަވާބަކީ މިއީއެވެ.

ޑރ. އިޔާޒް ވިދާޅުވީ، ޑިއުޓީގައި ހުއްޓާ ނަމާދު ވަގުތު ޖެހުމުން، ޑިއުޓީ އަދާކުރަމުންދާ ތަނުގައި ނަމާދުކޮށްލިޔަސް ރަނގަޅުވާނެ ކަމަށެވެ.

އެކަމަކު ދަންނަންޖެހޭ ހަގީގަތަކީ، ފިރިހެނުން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމަކީ މޮޅުއިތުރުވެގެންވާ ގޮތެވެ. އެއީ ސަވާބާއި ދަރުމައިގެ ގޮތުން ބެލިޔަސް އެންމެ ދަރުމަހުރި ގޮތެވެ.

ނަމާދަކީ މި އުންމަތަށް ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ނަމާދުގެ އަހަންމިއްޔަތުކަން ބޮޑުވުމުގެ ސަބަބުންނާއި، އަދި އެއީ މަތިވެރި ގުޅުމަކުން އަޅާއާއި އޭނާގެ ވެރި ރައްބާއި ގުޅުވާދޭ އަޅުކަމަކަށް ވާތީއެވެ.

މި އުންމަތަށް ﷲ ތަޢާލާ ފަސް ނަމާދު ފަރުޟުކުރެއްވީ، މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖައް އުފުއްލެވި ރޭގައި، ﷲ ތަޢާލާއާއި އެކަލޭގެފާނާ ދެމެދު އެއްވެސް މެދުވެރިއެއްނެތި ސީދާ ބަސްފުޅު ވަޙީކުރައްވައިގެންނެވެ. އެންމެ ފުރަތަމަ ފަންސާސް ނަމާދު ފަރުޟު ކުރައްވައިފައި ވުމުން އެ ނަމާދަށް އެއިލާހުގެ ހަޟްރަތުގައި ދެވިފައިވާ ލޯބި ހާމަވެގެންދެއެވެ.

ނަމަވެސް ކުރަންޖެހޭ މިންވަރުގެ ގޮތުން ފަސް ނަމާދަށް ލުއިކުރައްވައި، މީޒާނުގައި ފަންސާސް ނަމާދުކަމުގައި ލެއްވިއެވެ. ފަސް ނަމާދު ކުރިމީހާ ފަންސާސް ނަމާދު ކުރި މީހާ ފަދައެވެ. ކޮންމެ ނަމާދެއްގެ ޘަވާބު ދިހަގުނައަށް އިތުރުވެގެން ދިޔުމެއް ނޫނެވެ. ނަމަވެސް ފަސް ނަމާދު ކުރި މީހާ ފަންސާސް ނަމާދު ޢަމަލުން ކުރި ފަދައެވެ.

ނަމާދުގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އުންމަތުގެ ޢިލްމުވެރިންވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިޖްމާޢުވެފައެވެ. އަދި އެއްވެސް ޢިލްމުވެރިއެއް ނަމާދަކީ ފަރުޟެއްކަމާމެދު ޚިލާފްވެފައެއް ނުވެއެވެ.