ވަގުޑޮލަރު ވިއްކާ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން "ވީ ނިއުސްއިން" ސުވާލުކުރުމުން، އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހް ވިދާޅުވީ، ބާޒާރުގައި ވަގުޑޮލަރު ވިއްކާ މައްސަލަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ މައްސަލަ ފުލުހުންނަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ތާރީހެއް އޮފިޝަލު ހާމައެއް ނުކުރެއެވެ.

މިފަހުން ސޯޝަލް މީޑިއާގައި ވަގުޑޮލަރު ވިއްކާ އިޝްތިހާރުތަކެއް ވަނީ އާންމުވެފައެވެ. ޝޯޝަލް މީޑިއާގައި ވަގުޑޮލަރު ވިއްކަން ކޮށްފައިވާ އެއް ޕޯސްޓުގައި ވާގޮތުން، ވިއްކާ ވަގު ޑޮލަރުތަކަކީ "ސުޕާ ކޮލިޓީ"ގެ ޑޮލަރެވެ. މީގެއިތުރުން، ވަގު ޑޮލަރުތަކާއި، އަސްލު ޑޮލަރާއި، އެއްވެސް ތަފާތެއް ނެތްކަމަށާއި، އެ ވަގު ޑޮލަރުތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރެވޭނެކަމަށް ވެސް ޑޮލަރު އިޝްތިހާރުކޮށް ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ބާޒާރުގައި ވަގުޑޮލަރު ވިއްކާ މައްސަލަތަކެއް މީގެކުރިން ވެސް ފެންމަތިވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރު ކޮށްގެން ވަގު ޑޮލަރު ވިއްކަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ. އެ ފަހަރު ވަގު ޑޮލަރު ވިއްކީ، މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެނެވެ.

ރާއްޖެއަކީ ބޭރު ގައުމުތަކުން އެތެރެކުރާ މުދަލަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށް ވާތީ ޑޮލަރަކީ ރާއްޖެއަށް ވަރަށް މުހިންމު ފައިސާ އެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ފާއިތުވި ތިން އަހަރު ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު 2020 ވަނަ އަހަރު 297.1 މިލިއަން ޑޮލަރު، 2021 ވަނަ އަހަރު 626.2 މިލިއަން ޑޮލަރު އަދި 2022 ވަނަ އަހަރު 889 މިލިއަން ޑޮލަރު ލިބިފައިވެއެވެ.