ޗާގޯސް އައިލެންޑްސް އިން ދިވެހިންނަށް 200 ނޮޓިކަލް މޭލް ނުލިބޭ ގޮތަށް މައްސަލަ ނިމިއްޖެ ކަމަށްވާނަމަ މި ސަރުކާރަކީ މިފަހުގެ ތާރީޙެއްގައި ރައްޔިތުންނަށް ޢައްދާރުވި ސަރުކާރުގެ ގޮތުގައި ވެގެންދާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މޮރީޝަސް އިން ސިޔާދަތީ ބާރުވެރިކަން ހޯދާފައިވާ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖޭގެ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ، ސަރަހައްދީ އިމާއި ގުޅޭ މައްސަލައާމެދު ބައިނަލްއަގުވާމީ ކޯޓުގައި ގޮތެއް ނިންމުން އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފައިވަނިކޮށް މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރާއްޖެއިން ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން މޮރިޝަސްއިން ހުށަހެޅުމުން އެ ލިބުނީ ހަގީގަތުގައިވެސް އެކަމުގައި ގޮތް ނިންމުމަށް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

ކަމެއް ކުރީގައި ނުކޮށް ދޫކޮށްލެވިފައި އޮތުމަކީ އެ ވާހަކައެއް މިހާރު ދައްކަންވީ ވަގުތެއް ނޫންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ޗާގޮސް މައްސަލާގައި ރައީސް ސާލިހް ފޮނުއްވި ސިޓީފުޅުގައި އޮތީ ކޮންކަހަލަ ވާހަކައެއް ކަމެއް ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ.

ކޮން ބައެއްގެ ނަމުގައި ކޮން ބައެއްގެ ފަރާތުން ފޮނުއްވި ސިޓީއެއްތޯ؟ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ކޮންމެ ސިޓީއަކީ ދިވެހި ރައްޔިތުންގެ ފަރާތުން ފޮނުވާ ސިޓީއެއް. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނުވަތަ މަޖިލީހުގެ 241 ކޮމެޓީއަށް ނުފޮނުވޭވަރުގެ ނުވަތަ އެއާ ބެހޭ މައުލޫމާތު ނުދެވޭ ވަރުގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ނުފޮނުވޭނެ. ސިޓީ ފޮނުވާފަ އޮތީ ސިއްރުން."
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

މެމްބަރު ވިދާޅުވީ ދިވެހި ރާއްޖެއާ ގުޅޭގޮތުން ވަހުމެއް އުފެދޭފަދަ ސިޓީއެއް ފޮނުވާ ކަމަށްވާނަމަ މަޖިލީހުގެ އެއްވެސް ބަހެއްނެތި ފޮނުވައިގެން ނުވާނެ ކަމަށާއި އެކަމަކީ ގާނޫނާ ޚިލާފަށް ރައީސް ސާލިހް ކުރެއްވި ކަމެއް ކަމަށެވެ.

ފޯޅަވައްސަކީ މިނިވަން ދައުލަތެއް ނޫންކަން ފާހަގަކުރައްވާ މެމްބަރު ވަނީ އިންޑިއާ ކަނޑުގައި ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަނީ ދިވެހިން ކަމަށްވެސް ވިދާޅުވެފައެވެ.

އެހެންކަމުން ދިވެހިންނަށް 200 ނޮޓިކަލް މޭލް ނުލިބޭ ގޮތަަށް ޗާގޮސް މައްސަލަ ނިމިއްޖެ ކަމަށްވާނަމަ މި ސަރުކާރަކީ މިފަހުގެ ތާރީޚެއްގައި ރާއްޖެއަށް ޢައްދާރުވި ސަރުކާރެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެންދާނެ ކަމަށްވެސް މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

ޗާގޮސް މައްސަލާގަ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން އައީ، ރާއްޖެއިން އެއްބަސްވީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރުވެރިކަން މޮރީޝަސްއަށް ދިނުމަށް ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދިނުމަށް ދިވެހިރާއްޖެއިން އެއްބަސްވެފައި ނުވާނެ ކަމަށެވެ.

މި ދެ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަން ފާހަގަކުރަމުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑަށް ބަދަލު ނާންނަކަމަށެވެ.

ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާއެކު ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ.