މިދިޔަ ހަފްތާގައި ރާއްޖޭން 199 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭން ކޮވިޑަށް 199 މީހަކު ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 137 މީހަކު ނިސްބަތްވަނީ މާލެ ސަރަހަށްދަށެެވެ.
17 މީހަކު އަތޮޅުތެރެއަށް ނިސްބަތްވާއިރު، 45 މީހަކު ނިސްބަތްވަނީ ރިސޯޓްތަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކަށެވެ.
ހޮސްޕިޓަލްތަލުތަކުގައި އެޑްމެޓްކޮށްގެން 35 މީހަކަށް ކޮވިޑަށް ފަރުވާދެމުންދާއިރު، މިހާތަނަށް ރާއްޖޭން 313 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.
ރާއްޖޭން ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 186،241އަށް އަރާފައެވެ.
ކޮވިޑް ކޭސްތަކުގެ އަދަދު މައްޗަށްދާން ފަށާފައިމިވަނީ މި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށެވެ. ކޭސްތަކުގެ އަދަދުތައް ރާއްޖޭގައި ދަށަށްދާން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅުން ފަށައިގެންނެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާއިރު، މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އެދެއެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީއެންމެ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރަންޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމެވެ.