ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް ދިވެހިންގެ ދިރިއުޅުމުގެ ވަށްޓަފާޅި އާއި ރަށްރަށުގެ ތާރީޚާއި ސަޤާފަތާ ގުޅޭ ހާއްސަ ކަންކަން އާންމުންނާ ހަމައަށް ފޮޓޯ އާއި ވީޑިއޯގެ ޒަރިއްޔާއިން ގެނެސްދޭ ލައިފްސްޓައިލް ފޮޓޯގްރަފަރ މުޙައްމަދު މާލިކް މިފަހުން މީސްމީޑިއާގައި އާންމުކުރި ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ ހިއްސާކުރީ ރާއްޖޭގެ ރަށެއްގައި އޮތް ދުވަސްވީ މުޞްޙަފެއްގެ ފޮޓޯތަކެވެ. އެމުޞްޙަފް ހާއްސަވަނީ ހަމައެކަނީ އެއީ ދުވަސްވީ ޤުރުއާން ފޮތަކަށް ވާތީއެއް ނޫނެވެ. އެފޮތް ހާއްސަވާ އަނެއް ކަމަކީ އެއީ ކޮންމެވެސް މީހަކު އަތު ލިޔުމުން ލިޔެ ނިންމާފައިވާ ޚަތިމަކަށްވާތީއެވެ.

ހއ. އިހަވަންދޫގައި އޮތް އެ ފޮތަށް 400 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށް ބެލެވެއެވެ.

ދުވަސްވީ މުޞްޙަފް ރައްކާކޮށްފައިވާ އާސާރީ ފޮށި | ފޮޓޯ: މާލިކް

މިޚަތިމު އޮންނަނީ ވަކިން ފޮއްޓަކަށް ލައި މިސްކިތުގައި ރައްކާކޮށްފައެވެ. މިޚަތިމު ބެލެނީ ކައުންސިލްގެ ހުއްދައާއެކު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މިޚަތިމު އޮންނަ އިހަވަންދޫގައި ހުންނަ ހިރުގަލު މިސްކިތަކީ 300 އަހަރަށް ވުރ ގިނަ ދުވަސްވީ މިސްކިތެކެވެ. އަދި އެމިސްކިތް ވަނީ އ.ދގެ އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ.

އެމިސްކިތަކީ މާލޭގައި ހުރި ހުކުރު މިސްކިތުގެ ޑިޒައިނަށް ހިރިގަލުން ހަދާފައިވާ މިސްކިތެކެވެ. އެމިސްކިތުގައި ތާރީޚީ ބައެއްކަހަލަ ލިޔެކިޔުންތައް ފެންނަން އެބަހުށްޓެވެ.

އިހަވަންދޫއަކީ މުޙައްމަދު ތަކުރުފާނުގެ މަންމާފުޅު އާމިނާދިއޯގެ ރަށްކަމަށްވެފައި، އިހުޒަމާނުގައި ބޭނުންކުރި ބައެއް އާސާރީ ތަރިކަ ފެންނަންހުރި ރަށެކެވެ.