އަނެއްކާވެސް އިވިގެން މިދިޔައީ، ދިވެހިރާއްޖޭގެ ވަރީގެ ނިސްބަތް މައްޗަށް ޖެހުނު ވާހަކައެވެ.
އަހަރަކަށް ފަހު އަހަރެއްގައި ރާއްޖޭގައި ވަރީގެ އަދަދު އިތުރުވަމުން އައިއިރު، މިފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ތަފާތެއް ދެެއްކީ 2019 ގައެވެ. އޭގެ ފަހުން، 2020، 2021 އަދި 2022 ވަނަ އަހަރުވެސް މިއަދަދު އައީ އިތުރުވަމުންނެވެ.
2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ ނިސްބަތް 60 އިންސައްތަ މަތިވުމަކީ އަދި އެފަހުންވެސް ވަރީގެ ނިސްބަތް އިތުރުވަމުން އައުމަކީ ހައިރާންވެ އަންތަރީސް ވާން ޖެހުނު ކަމެކެވެ. ދާދި ފަހުން، ދުނިޔޭގެ ތަފާސްހިސާބުތަކާއި ބެހޭ އިދާރާއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް އެންމެ ގިނައިން މީހުން ވަރިވާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ރާއްޖެއެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި 1000 މީހުންގެ ތެރެއިން ރާއްޖޭގެ ވަރީގެ ރޭޓް އުޅެނީ 5.9 ގައެވެ.
ރާއްޖޭގައި ހަމަ އެހާ ވެސް ވަރި ގިނަ ހެއްޔެވެ؟
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ، ރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސްހިސާބުގައި ވާގޮތުން، 2018ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރިކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރަޖިސްޓްރީ ކުރެވިގެން 2018 ވަނަ އަހަރު ކައިވެނި ކޮށްފައިވަނީ 5290 ކައިވެންޏެވެ. އަދި 2019 ވަނަ އަަހަރު ކޮށްފައި ވަނީ، 6509 ކައިވެންޏެވެ. މިއީ އިންސައްތައިން ބަލާނަމަ، 23 އިންސައްތަ މަދު އަދަދެކެވެ.
މިއީ އަސްލުވެސް ދުނިޔޭގެ ރެކޯޑެކެވެ. އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑު އޮތީ ދިވެހިރައްޖޭގައެވެ. އަލަކަށް ނޫނެވެ.
2014 ވަނަ އަހަރުން ފެށިގެންނެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި ވަނީ، ރާއްޖޭގައި ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 އިންސައްތަ ވަރި، ނިސްބަތުން ބަލާނަމަ ކުރާ ކަމަށެވެ.
މިހާރު ރާއްޖެ ފިޔަވާ ދެވަނައަށް އެންމެ ވަރި ގިނަ ރަޝިއާއެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.8 ވަރިއެވެ. މި ލިސްޓުގައި ތިންވަނައިގައި ވަނީ އުރުގުއޭއެވެ. އެ ގައުމުގެ ވަރީގެ ރޭޓްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ ކޮންމެ 1000 މީހަކަށް 4.4 ވަރިއެވެ. މީ ފަހުރުވެރިވާންޖެހޭ ރެކޯޑެއް ނޫނެވެ. ލަދުވެތިވަންޖެހޭ ވަރަށް ހަޑި ރެކޯޑެކެވެ.
އިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ.
އެހެނެއް ކަމަކު މުސްލިމުން ކައިވެނި ކުރަން އަންގަވާފައި އޮންނަނީ ވަރިކުރާކަށް ނޫނެވެ. ޚުދު ވަރިކުރަން ހިތުން ނިޔަތްގަނެ، މީނާގެ ފޮނިބޮއެފައި ދުވަސްކޮޅަކުން ވަރިކޮށްލާނަމޭ، ނުވަތަ އޭނާގެ އަތުން ކޮންމެވެސް ލާރިގަނޑެއް ހޯދައިގެން އެހެން ފިރިހެނަކާ އިންނާނީއޭ ހިތަށް އަރުވައިގެން ކައިވެނި ކުރުމަކީ ބޮޑު ޙަރާމް ކަމެކެވެ. މިފަދަ ކަންތަކަށް އޮންނަ މަގުބަންދު ކުރުމުގެ ގޮތުން އިިސްލާމްދީނުގައި ވަނީ މުތުޢާ ކައިވެނިވެސް ޙަރާމް ކުރައްވާފައެވެ. ކަމުގެ އަސްލަކީ ކައިވެންޏެވެ. ވަރިއަކީ ކައިވެންޏަށް އަންނަ އިސްތިސްނާއެކެވެ.
މީގެ އިދިކޮޅަށް ކަންތައްވާނަމަ އެ ތަނެއްގައި ކޮންމެވެސް އިޖުތިމާޢި މައްސަލަތަކެއް އުޅެނީއެވެ.
ވަރި ގިނަވާ ސަބަބުތަކުގެ އާއިލީ ހަސަދަވެރިކަމާއި ނިވާކަން ކުޑަ އަންހެނުންގެ މުޖުތަމާއުގައި ގިނަ ވުމުގެ ސަބަބުން. ކާވެނިކުރުން މިއަދު އެީ ވަރަށް ބޮޑު ބުރައެއް. ދަރިން ލިބި ދަރިން ބަލަންޖެހޭ ދުވަހު އެބުރަ އުފުލަނީ ވަރަށް މަދު ދެމެފިރިއަކު. ކާވެނިނުކޮށް އެހެން ކާފަރުގައުމެކޭ އެއްފަދައިން ރާއްޖޭގައި މިނިވަންކަމާއެކު ﷲ ނަހީ ކުރައްފައިވާ ފާހިޝް އަމަލު ކުރުމުގެ މިނިވަން ދިވެހިންނަށް ލިބަފައިވުން.